ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ނަޖާހު އިބްރާހިމް (އެންޑީ) ގެ ސައިކަލްގައި ވަގަށް ނަގައި ބަޔަކު ރޯކޮށްލައި ފިއެވެ.

އެންޑީގެ ސައިކަލްގައި ރޯ ކޮށްލުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް ވަނީ އަނދައިގެން ގޮސްފަ އެވެ.

އެނޑީ ވިދާޅުވީ ސައިކަލް ޕާކްކޮށްފައި ވަނީ އޭނާގެ ގޭގެ ސިޓިން ރޫމުގައި ކަމަށާއި ސައިކަލު ގެއްލުނުކަން އެނގިފައިވަނީ ހެނދުނު ހޮސްފިޓަލަށް ދިޔުމަށް ބެލިއިރު ސައިކަލް ނެތުމުން ކަމަށެވެ.

"އަޅުގަނޑުގެ ގެ ހުންނަނީ އެމްޖޭއެމް ސްކޫލް ކައިރީގައި. އަޅުގަނޑު ކޮންމެ ރެއަކުވެސް ސައިކަލް ޕާކް ކުރަނީ ގޭގެ ސިޓިން ރޫމްގައި. ހެނދުނު ތެދުވެ މީހަކަށް ލޭ ދޭންވެގެން ހޮސްޕިޓަލަށް ދާން އުޅުނު އިރު ސައިކަލް ނެތުމުން ފަހުން ބެލިއިރު ފެނުނީ އެމްޖޭއެމް ސްކޫލް ކައިރީ ރޯކޮށްލާފައި އޮއްވާ،" ނަޖާހު ވިދާޅުވިއެވެ.

Ahmed Najaah Ibrahim (mp3)

އޭނާ ވިދާޅުވީ ސައިކަލް ރޯކޮށްލާފައި އޮއްވާ ފެނުނީ އެމްޖޭއެމް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ވޮޗަރަށް ކަމަށާއި އޭނާއަށް އެކަން އެނގުމުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ސައިކަލް ރޯކޮށްލުމުގައި ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ނެތްކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ކަމަށާއި މިހާރު އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާނެކަމަށް ވެސް ބުންޏެވެ.