މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މުވައްޒަފަކު ނަމާދު ކުރަން ހުއްޓައި ނަމާދަށް ހަޖޫ ޖަހައި ނަމާދަށް ހުރި މީހާއަށް އުނދަގޫ ވާގޮތަށް ފުރައްސާރަކުރި އެ ކުންފުނީގެ އެހެން މުވައްޒަފެއްގެ މައްސަލަ އެ ކުންފުނިން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފަކު ހުންނަނީ ނަމާދު ކުރާށެވެ. އަދި އޭނާ ނަމާދު ކުރަން ހުންނައިރު އެކުންފުނީގެ އިތުރު މުވައްޒަފަކު ނަމާދަށް ހަޖޫޖަހައި ހުތުރު ބަސް ބޭނުންކުރާ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެ އެވެ.

އެމްޑަބްލިއުއެސްސީއިން ބުނެފައިވަނީ އެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ މައްސަލައެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ޝާހު ވިދާޅުވީ މައްސަލަ އާ ގުޅޭ ރިޕޯޓު މިއަދު ލިބޭނެ ކަމަށެވެ. އަދި އެއާއެކު އެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ޝާހު ވިދާޅުވި އއެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފަށް ފުރައްސާރަ ކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އާންމުންގެ ފަރާތުން ވަނީ އެ މީހާއަށް ނުރުހުން ރައްދުވެފައެވެ. އަދި އޭނާގެ އަމަލު ހަރުކަށި އިބާރާތުން އެތައް ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ވަކި ބަހެއް ލިބިފައެއް ނުވެއެވެ.