ޑރ. އަފްރާޝީމް އަލީ އާއި ރިލްވާން އަބްދުﷲގެ މަރަށް އިންސާފު ނުހޯދި ލަސްވެގެން ދަނީ ފުލުހުންގެ އިހުމާލުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގެއްލިފައިވާ މީހުންނާއި ގޮތް ނޭންގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފް ނުލިބޭ މައްސަލައިގެ ކަންބޮޑުވުން ފާޅު ކުރައްވަމުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެ ދެ މައްސަލައަށް އިންސާފު ލިބުން ލަސްވެފައިވަނީ އަމިއްލައަށް ތަރުތީބު އޮޅުވާލުމުން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ މަސައްކަތަކަށް ކުރަން ޖެހޭނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުން ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އޭގެ ބަދަލުގައި އެންމެ ފުރަތަމަ އިސްލާހު ކުރަން މަސައްކަތް ކުރެވުނީ ޝަރުއީ ނިޒާމް ކަމަށެވެ. އެހެން ނަމަވެސް ޖިނާއީ އަދުލުގެ މުޅި ނިޒާމް އިސްލާހު ނުކޮށް އިންސާފް ލިބުމަށް ހުރަސް އެޅިފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް އަހްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ހުލާސާ ރިޕޯޓުން އަޅުގަނޑަށް ފާހަގަކޮށްދޭ ގާނޫނީ ވަކީލުން ވެސް މީގައި އެބަ އޮތޭ ދައުވާ ކުރެވޭ މިންވަރަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް މިދައުވާތައް ކުރިއަށް ނުގެންދެވި މިހުރީ އަޅުގަނޑު ހިތާމައާއި އެކީ ދަންނަވާނީ ފުލުސް އޮފީހުގެ އިހުމާލުންނޭ. ޑރ. އަފްރާޝީމްގެ ރިޕޯޓްގައި ފުލުހުންގެ އިހްމާލްވާ މިންވަރު އެއީ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމެޓީގެ ރިޕޯޓްގައި އެ ފުލުހުންގެ ނަމާއި އެކީގައި ފާހަގަކޮށްފައި އެ އޮތީ. އެމީހުން ކުރި ކަންތައްތައް ސާފުކޮށް ކިޔައިދީފައި އެބަ ވޭ. ދެން މި މިންވަރަށް މިބާވަތުގެ ކަންކަން ދިޔައީމާ އަޅުގަނޑަށް ދެންނެވޭނީ ވަރަށް އުނދަގުލޭ ވަރިހަމަ ކޮށްގެން އަޅުގަނޑު އިންނަން،"

ފުލުހުންގެ އިތުރުން ރައީސް ނަޝީދު ވަނީ އިހުމާލުގެ އިނގިލި މަރުތައް ބެލުމަށް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނަށް ވެސް ދިއްކުރައްވާފަ އެވެ.

"1 ސެޕްޓެމްބަރު 2019 އިން ފެށިގެން މި ހުލާސާ ރިޕޯޓް އެބަ އޮވޭ އަޅުގަނޑުގެ މޭޒު މަތީގައި. އަޅުގަނޑު ގަސްތުކުރަނީ އެ ކޮމިޝަނަކުން މިކަން ކުރާން އުޅޭ ކަމަށް މިހާރު ދެކެން ދަތި. އަޅުގަނޑުގެ ނަޒަރުގައި ކޮންމެ ކަމެއްގައި ވެސް އޮންނާނެ އަޅުގަނޑުމެން އެކަމެއްގައި ބަލަހައްޓައިގެން ތިބޭނެ މިންވަރެއް މުއްދަތެއް،" ރައީސް ނަޝީދު ވިދާޅިވި އެވެ.

އެކަން ނުވިކަމަށް ބައްލަަވައި ހުއްޓަވާ ނުލައްވާނެ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ސިޔާސީ ހަޔާތްޕުޅުގައި އެކަން ނުކުރައްވާނެ ކަމަށެވެ. އަދި އެކަމަށް ގޮތެއް ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހުރިހާ މުއައްސަސާތަކަކުން ވެސް ހަނދުމަފުޅު ބަހައްޓަވާތި މާތްރަސްކަލާންގެ އަމުރާއި އިރާދަފުޅުން މި މަޖިލީހުގެ ވަޅީގައި ތުނޑު އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމުގައި ގޮތެއް ނިންމައި ދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.