22 Jun 2020, 15:32
ދިއްލީ (ޖޫން 22): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ކަންޕޫރުގައި ހުންނަ ކުޑަކުދިންގެ ހިޔާއެއްގައި 57 ކުއްޖަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން ސަރުކާރުން ހިންގާ އެ ހިޔާގައި ތިބި ކުދިންތަކަކަށް ކޮވިޑް-19 ބަލި ޖެހިފައިވާކަން އެނގުނީ އޭގެ ތެރެއިން އެއް ކުއްޖަކު ހުން އައިސްގެން މިދިޔަ ހަފްތާގައި ހޮސްޕިޓަލަށް ގެންދިޔުމުންނެވެ. އަދި އެކުއްޖާ ވައިރަހަށް ޕޮޒިޓިވްވުމުން ހިޔާގައި ދެން ތިބި ކުދިންވެސް ޓެސްޓު ކުރީ އެވެ.
އެ ކުދިން މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އެއް މުވައްޒަފަކަށް ބަލި ޖެހިފައި ވުމުން އޭނާވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ބާކީ ތިބި ކުދިންނާއި މުވައްޒަފުން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.
އެ ހިޔާގައި ކޮރޯނާވައިރަސް ފެތުރުނު ހަބަރާއެކު އުއްތަރަ ޕްރަދޭޝްގެ ބައެއް މީޑިއާތަކުން ވަނީ ހިޔާގައި ތިބި ފަސް ކުއްޖަކު ބަލިވެއިންކަމަށާއި ވައިރަހަށް ޕޮޒިޓިވްވި ކުދިންގެ ތެރޭގައި އެކުދިންވެސް ހިމެނޭ ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން އެ ހިޔާގައި ކުޑަކުދިންގެ ރައްކާތެރިކަމާ މެދު ބައެއް މީހުން ސުވާލު އުފެއްދުމާ ގުޅިގެން އުއްތަރަ ޕްރަދޭޝްގެ ސްޓޭޓް ކޮމިޝަން ފޯ ވިމެން އިން ވަނީ އެ ހިޔާގައި ތިބި ގިނަ އަދަދެއްގެ ކުދިންނަކީ ޖިންސީ ގޯނާ ތަހައްމަލު ކުރުމުގެ ސަބަބުން ގެންގޮސްފައި ތިބި ކުދިންކަން ފާހަގަ ކޮށްފަ އެވެ. އަދި އެ ހިޔާއަށް ފިރިހެނުންނަށް ނުވަދެވޭ ކަމަށާއި އެ ހިޔާއާ ބެހޭ ގޮތުން ކުރާ ތުހުމަތުތައް ސައްހަ ނޫން ކަމަށް އެ ކޮމިޝަނުގެ މެމްބަރަކު ވިދާޅުވި އެވެ.
މީގެ އިތުރުން ކަންޕޫރުގެ ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޑިނޭޝް ކުމާރު ވަނީ އެ ފަސް ކުދިންނަކީ އެކި ޑިސްޓްރިކްޓުތަކުން ކަންޕޫރަށް ގެންދިޔަ ކުދިން ކަމަށާއި އެކުދިން ހިޔާއަށް ގެންދިޔަ އިރުވެސް ތިބީ ބަލިވެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަންވެސް ފާހަގަ ކުރައްވާފަ އެވެ.
އުއްތަރަ ޕްރަދޭޝްއިން މިހާތަނަށް 17،000 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 11،000 ވަރަކަށް މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެ ސްޓޭޓުގައި ބަލި ޖެހިގެން 507 މީހަކު ވަނީ މަރުވެފަ އެވެ.
އިންޑިއާއަކީ މިހާރު ހަތަރު ވަނައަށް އެންމެ ބޮޑަށް ކޮރޯނާވައިރަސް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 425،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 237,196 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެގައުމުގައި ބަލި ޖެހިގެން މަރުވެފައި ވަނީ 13،699 މީހެކެވެ.