01 Jan 2012, 12:16
ޑީއާރްޕީ ބައިބައި ކޮށްލާ، އިދިކޮޅު ފަރާތްތައް ނިކަމެތި ކޮށްލުމަށް ރޭވި ނުބައި ރޭވުންތައް ފަޅާ އަރައި ޑީއާރްޕީ ބައިބައިވުން ތަކުން ސަލާމަތްވެ އާދިރުމެއް ފަށައިފި ކަމަށް ޑީއާރްޕީން މިއަދު ބުނެފި އެވެ.
ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާހަރުގެ މުނާސަބަތުގައި ދެއްވި ބަޔާނުގައި ވިދާޅު ވެފައިވަނީ ވޭތުވެދިޔަ އަހަރަކީ، ޑީއާރްޕީގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން ދިމާވި އަހަރު ކަމަށާއި ޑީއާރްޕީގެ ޒަޢީމްގެ ޝަރަފް އަރުވާފައިވާ އަލްއުސްތާޒު މައުމޫނު އަބުދުލް ޤައްޔޫމް ޑީއާރުޕީން ވަކިވެވަޑައިގެން އެހެން ޕާޓިއެއް އުފެއްދެވުމަކީ އެ ޕާޓީ ބައިބައިކޮށްލާ އިދިކޮޅު ފަރާތްތައް ނިކަމެތިކޮށްލުމަށް ރޭވިރޭވުން ފަޅާއެރުން ކަމަށެވެ.
"މިނުބައި ރޭވުންތަކާ ގުޅިގެން ޑީއާރްޕީގެ ބައެއް މެންބަރުން ޑީޢާރްޕީއާ ވަކިވެގެން ދިޔަ ނަމަވެސް، އަދިވެސް ގާތްގަޑަކަށް ތިރީސް ހާހުގައި ޑީއާރްޕީގެ މެންބަރޝިޕް ހިފެހެއްޓިފައިވާކަމީ ޕާޓީގެ މެންބަރުންގެ ވަރުގަދަ އަޒުމާ ހިތްވަރާ އިހުލާސްތެރިކަން ސާބިތު ކޮށްދޭ ކަމެއް،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޑީއާރްޕީއަށް ކުރިމަތިވި ގޮންޖެހުންތައް ކަޑައްތު ކުރުމަށްފަހު އާ އަހަރަކާ ކުރިމަތިލީ އާ ހިތްވަރަކާ އާވިސްނުންތަކަކާއެކު ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް، ހޯދައި ދިނުމަށް، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމުގެ، ފޮނި އުއްމީދާ ޔަގީންކަމާ އެކުގައި ކަމަށާއި އެ ޕާޓީން އުއްމީދު ކުރަނީ އެ މަސައްކަތުގައި އެ ޕާޓީގެ އިސް މަގާމު ތަކުގައި ތިއްބެވި ފަރާތްތަކާ، އަދި އެޕާޓީގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ކުރިއަށްވުރެ ވެސް ބޮޑަށް ލިބިގެންދާނެ ކަމަށެވެ.
ތަސްމީނުގެ ބަޔާނުގައި އަދި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ނިކަމެތިކަމާއި ދަތިތަކަކީ، އެކަމުގެ ފުރިހަމަ ޒިންމާ މިއަދުގެ ސަރުކާރުން ނަގަންޖެހޭނެ ކަންތަކެއް ކަމަށާއި ސަރުކާރުގައި އެ ކަންތައްތައް ރަނގަޅު ކޮށްދެވޭނެ ޤާބިލުކަން ނެތްކަން ވޭތުވެ ދިޔަ ދުވަސްތަކުގައި ފެނިފައިވާ ކަމަށެވެ.
"ޑީއާރްޕީގެ އަމާޒެއް ކަމުގައި ވާނީ، ރައްޔިތުންނަށް އުފާފާގަތިކަން ލިބިދެވޭނެ ގޮތަކަށް، ޑީއާރްޕީގެ މަސައްކަތްތައް ބިނާކުރަމުން ގެންދިއުން މިކަމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާ، މަޖިލީސް ބޭރުން ވެސް ޑީއާރްޕީއިން މަސައްކަތް ކުރަމުން ގެންދާނަން،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޑީއާރްޕީގެ މަސައްކަތެއްކަމުގައި ވާނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންގެ އަޑުއަހާ ރައްޔިތުން އެދޭގޮތަށް ކަންތައްކޮށްދޭ ސަރުކާރެއް ރާއްޖޭގައި ޤާއިމް ކޮށްދިނުމެވެ.