ރާއްޖެ ހުޅުވާލާނެ ސީދާ ތާރީހް ބުނަން ނޭންގުނު ނަމަވެސް އަންނަ މަހުގެ 16 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގްތިސޯދީ ހަރަކާތްތައް ހިންގޭނެ ގޮތައް ގައުމު ހުޅުވާލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ގަރާރާއި ގުޅޭ ގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، ފަހަތަށް ޖެހިގެން ތާއަބަދު ނުތިބެވޭނެ ކަމަށެވެ.

"އެއްވެސް މީހަކަށް ރޯގާ ނުޖެހޭ މިންވަރަށް ސަލާމަތްތެރިކަން ހޯދަންޏާ އޭގެ މާނައަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވަކިން ކުދި ކުދި ގޮޅިގައި ބަންދުކޮށްފައި ބެހެއްޓުމޭ. ނުވަތަ އެކީ އެކައްޗަކަށް ދުރުކޮށްފައި ބެހެއްޓުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އަގްލަބިއްޔަތު މެންބަރުން ފާހަގަކުރަމުން ދިޔައީ ރޯގާއާ އެކު އުޅުމުގެ މުހިންމު ކަމާއި މަޖިލީހުގެ ޖަލްސާތައް ވެސް ކުރިއަށް ގެންދިއުމުގެ މުހިންމު ކަން، ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ޓުއަރިޒަމް ފެށުމަށް ސަރުކާރުން އެކުލަވާލި ގައިޑް ލައިނަށް މަޖިލީހުން ދެ އިސް؛ލާހެއް ހުށަހަޅުއްވާފައިވާ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އިތުރު ހަރަދަކާއި ކަރަންޓީން ވުމެއް ނެތި ރާއްޖެ އައުމުގެ ފުރުސަތު ދިނުމަށް މަޖިލީހުން ފާސްކުރި ނަމަވެސް ޓުއަރިސްޓުންނަށް ރާއްޖެ އާދެވޭނެ ދުވަހެއް އަދި ނޭންގޭ ކަމަށެވެ.

"އަޅުގަނޑުމެނަށް އަދި ކަނޑައެޅިގެން ތާރީހެއް ނުހޯދި މިވަނީ މި ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ. އަޅުގަނޑުއަށް މައުލޫމާތު ލިބިފައި އޮތް ދުވަހަކީ 16 ޖުލައި ދެން އެހެން ނަމަވެސް އެކަން ކަނޑައެޅިގެން ނިންމާ ގޮތަކާއި އަދި ވަގިތުތަކެއް އެއީ ސަރުކާރުން ނިންމާނެ ނިންމުންތަކެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖުލައި މަހުގެ ތެރޭގައި ބޯޑަރު ހުޅުވާލާނެކަން ސަރުކާރުން އިއުލާނު ކުރިނަމަވެސް، ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުން ތަކެއް ވެސް ވަނީ ބޯޑަރު ހުޅުވާލާނެ ސީދާ ތާރީހެއް އިއުލާން ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.