ޓީޗަރުން ރެޖިސްޓްރީ ކުރުމަށާއި ލައިސަންސް ދިނުމަށް މިނިވަން ޓީޗާސް ކައުންސިލެއް އުފައްދާ ގޮތަށް ތައުލީމުގެ ބިލު ބަދަލުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ހިޔާލު ހުށަހަޅުއްވައިފި އެެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލު ދިރާސާ ކުރުމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން އިއްޔެ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އެބައްދަލުވުމުގައި ވާހަކަދައްކަވަމުން އާތިޔާ ވިދާޅުވީ އޭނާގެ ހިޔާލަކީ ޓީޗަރުންގެ ރެޖިސްޓްރޭޝަނަށް މިނިވަން ކައުންސިލެއް ބޭއްވުން ކަމަށެވެ.

މިހާރު ތައުލީމުގެ ބިލު ބުނާގޮތުން އެ ބިލު ގާނޫނަކަށް ވާތާ ތިން މަސްދުވަހުގެ ތެރޭގައި ޓީޗާސް ރެޖިސްޓްރެޝަން ކައުންސިލުގެ ނަމުގެ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ކައުންސިލެއް އުފައްދަން ޖެހޭނެ އެވެ.

"އަޅުގަނޑުގެ ރިކޮމެންޑޭޝަން އަކީ ޓީޗާސް ރެޖިސްޓްރޭޝަނަށް މިނިވަން ކައުންސިލެއް އުފެއްދުން. މިހާރު އެއޮތީ އެޑިއުކޭޝަން މިނިސްޓްރީއިން ކައުންސިލެއް އުފައްދަވާ ގޮތަށް. އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ ޓީޗާސް ރެޖިސްޓްރޭޝަން ވާން ޖެހޭނީ މިނިވަން ކައުންސިލެއްގެ ގޮތުގައި ކަމަށް." އާތިޔާ ވިދާޅުވި އެވެ.

އާތިޔާ ވިދާޅުވީ ސައުތު އޮސްޓްރޭލިއާގައިވެސް ޓީޗަރުންގެ ރެޖިސްޓްރޭޝަނަށް މިނިވަން ކައުންސިލެއް އުފައްދާފައި އޮންނަ ކަމަށެވެ. އެމީހުން އަމަލުކުރާ އުސޫލަށް ބަލާއިރު ކައުންސިލު ތަމްސީލުކުރަނީ އެޑިއުކޭޝަން މިނިސްޓްރީއާ އެންމެ އިސްކޮށް ކިޔަވައިދޭ އެ ގައުމުގެ ތައުލީމީ އިދާރާތައް ކަމަށެވެ.

"ވަކި ގާނޫނަަކުން ނޫން ނަމަވެސް މިނިވަން ކައުންސިލެއް އޮތުން ބުއްދިވެރި ކަމަށް އަޅުގަނޑަށް ފެނޭ." އާތިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީޗަރެއްގެ ގޮތުގައި ރެޖިސްޓްރީ ވެފައި ނެތް ނަމަވެސް ކިޔަވައިދެވޭނެ އުސޫލެއްވެސް އޮންނަ ޖެހޭ ކަމަށެވެ. އެއީ ހަމައެކަނި ރެޖިސްޓްރީވެފައި ތިބޭ ޓީޗަރުން ލައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ފެންނާތީ ކަމަށް އާތިޔާ ވަނީ ވިދާޅުވެފަ އެވެ.

އާތިޔާގެ ވާހަކަތަކާ ގުޅިގެން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިނިވަން ޓީޗަރުންގެ ކައުންސިލެއް އުފައްދައިގެން ލައިސަންސް ދިނުމަށް ދަތިތަކާ ކުރިމަތިވެ ބާ ކައުންސިލަށް ދިމާވިގޮތް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވީމަ އެއީ އެހާ ރަނގަޅު ހިޔާލެއް ކަމަށް ނުފެންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.

މިހާރު ހުށަހަޅާފައިވާ ތައުލީމުގެ ބިލުގައި ބުނެފައިވާގޮތުން އެ ގާނޫނުގެ ދަށުން ރެޖިސްޓްރީކޮށްގެން ނޫނީ ރާއްޖޭގައި ކިޔަވައެއް ނުދެވޭނެ އެވެ. އަދި އެބިލު ގާނޫނަކަށް ވާތާ ތިން މަސް ދުވަހުގެ ތެރޭގައި ރެޖިސްޓްރީވެ ޓީޗަރު ކަމުގެ ލައިސަންސް ހޯދަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.