22 Jun 2020, 12:44
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، މަޖިލީހުގެ މެމްބަރުން ގެއިން ތަށިބަރި ހިއްޕަވައިގެން ވަޑައިގަތުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.
މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 22 މުވައްޒަފަކު އެކަހެރިވާން ވެސް ވަނީ އަންގައިފަ އެވެ.
ނުވަގަޑި ސަޔަށް ޖަލްސާ މެދުކަނޑާލައްވަމުން، ނަޝީދު ވިދާޅުވީ އެކަހެރި ކުރި ސްޓާފުންގެ ތެރޭގައި، މެމްބަރުންގެ ސައިގެ ކަންތައް ހަމަޖެއްސުމުގައި އުޅޭ ގިނަ އަދަދެއްގެ ސްޓާފުން ހިމެނޭ ކަމަށެވެ.
އެހެންކަމުން މިއަދު މަޖިލީހުގައި މެމްބަރުންގެ ސައިގެ އިންތިޒާމް ހަމަޖެހިފައި ނުވާ ކަމަށާއި، މެމްބަރުން ބޭނުންވާނަމަ ގެއިން ތަށިބަރި ގެނެވިދާނެ ކަމަށެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ ތަށިބަރި ގެންނާނަން. ގެނެސްގެން ސައި ބޮއެގެން އަޅުގަނޑު އިންނަން ގަސްތުކުރަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުން ވެސް ރޯގާގެ އަލާމާތްތަކަށް ޗެކް ކުރުމަށްފަހު ނޫނީ މަޖިލީހަށް ވަދެވަޑައިނުގަނެވޭ ފަދައިން، މެމްބަރުން ގެންނަވާ ތަށިބަރި ވެސް މައި ގޭޓުން ޗެކް ކުރާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ޖަލްސާތައް ކުރިއަށް ގެންދާއިރު ކޮވިޑް-19 ގެ ނުރައްކާތެެރިކަން އޮތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ޖަލްސާތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަން އުންމީދުކުރައްވާ ކަމަށެވެ.