ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް އަށް ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމަށް ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު މިއަދު ވިދާޅުވީ ބުދަ ދުވަހު ބޭއްވި އެ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ބައްދަލުވުމަކުން އެ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކުރިން ސުރެ ވެސް އެ ޕާޓީން ނިންމާފައި ވަނީ ޕީޕީއެމް އަށް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ނުދިނުމަށް ކަމަށާއި ނަމަވެސް އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ ބައްދަލުވުމެއްގައި އެ ޕާޓީ އަށް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމަށް ގަވާއިދަށް ހުށަހެޅި އިސްލާހު، ހުށަހެޅި ގޮތަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމުމުން އެ ގޮތަށް ނިންމީ ކަމަށެވެ.

''އަޅުގަނޑުމެނަށް ފެންނަ ކަމެއް ނޫން މަޖިލީހުގައި ޕީޕީއެމް އަށް ފުރުސަތު ދިނުމަށް ނިންމުމަކީ. ސަބަބަކީ މަޖިލީހުގައި އަމަލު ކުރަމުން އައިސްފައިވާ ގޮތް އަޅުގަނޑުމެން އެބަ ޖެހޭ ހިފައްހައްޓަން. އެގޮތުގެ މަތީން ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ ނިންމާފައި،'' ޝިފާޒް ވިދާޅުވި އެވެ.

Ahmed Shifaz (mp3)

އޭނާ ވިދާޅުވީ މަޖިލީހުން އެ ފުރުސަތު ޕީޕީއެމް އަށް ދީފި ނަމަ އެއީ ގިނަ ރައްޔިތުންތަކަށް ވެވޭ ބޭއިންސާފެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މި ގޮތަށް ނިންމާފައި ވަނީ ޕީޕީއެމް އިން މަޖިލީހުގައި ތަމްސީލު ކުރެވޭނެ ގޮތް ހަމަ ޖެއްސުމަށް ޓަކައި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަޙްލޫފް މަޖިލީސް ހިންގުމުގެ ގަވާއިދަށް ހުށަހަޅާފައިވާ މި އިސްލާހާއި ގުޅިގެންވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ ރިޕޯޓް ބުނާ ގޮތުން ކޮމެޓީގައި އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބޭއްވި އެއްވެސް ބައްދަލުވުމުގައި އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ބައިވެރިވެޑައިގެންފައެއް ނުވެ އެވެ.

ނަމަވެސް ޑީއާރުޕީގެ ޕާލަމެންޓް ގްރޫޕްގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޕީޕިއެމް ފުރުސަތު ދިނުމާ މެދު އަދި ވަކި ގޮތަކަށް ޑީއާރުޕީން ނިންމާފައިނުވާ ކަމަށެވެ.