22 Jun 2020, 12:06
އޮކްލަހޯމާ (22 ޖޫން 20) : އެމެރިކާގައި ކޮވިޑް-19 ވަރަށް ފެތުރެމުން ދިޔަނަމަވެސް އެކަމަށް ބެލުމެއްނެތި ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ރިޔާސީ ކެމްޕޭންގެ ބޮޑު އެއްވުމެއްވުމެއް ބޭއްވުމުން އެ އެއްވުމަށް އޭނާގެ ސަޕޯޓަރުން ހާޒިރުނުވި މައްސަލަ ފެންމަތި ވެއްޖެއެވެ.
"މޭކް އެމެރިކާ ގްރޭޓް އަގައިން" ގެ ޝިއާރުގެ ދަށުން ޓްރަމްޕްގެ ކޭންޕޭން އެއްވުން ބާއްވާފައިވަނީ އޮކްލަހޯމާ ސްޓޭޓް ގެ ޓަލްސާގެ ސްޓޭޑިއަމެއްގައެވެ. ޓްރަމްޕް ގެ ކޭންޕޭން ޓީމުން އެއެއްވުމަށް (ޖަލްސާއަށް) ދިއުމަށް މިލިއަނެއްހާ މީހުންނަށް ދައުވަތު ފޮނުވި ނަމަވެސް އެ އެއްވުމަށް ދިޔަކަމަކަށްވަނީ 19 ހާހެއްހާ މީހުންނެވެ. އެ އެއްވުން ބޭއްވި އޮކްލަހޯމާ ސެންޓަރުގެ ސްޓޭޑިޔަމްގައިވާ ގިނަ ގޮނޑިތައް ހުހަށްހުރި މަންޒަރު ޓީވީތަކުން ފެނުމުން ޓްރަމްޕްވަނީ ކޯފާވެވަޑައިގެންފައެވެ.
މިއާއެކު ޓްރަމްޕްވަނީ އެ ޖަލްސާއަށް ދިޔަ މީހުންނަކީ ހިއްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ސިފަ ކުރައްވާފައެވެ. މި އެއްވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކަންތައް މަޑުޖައްސާލުމަށް އެމެރިކާގެ ކަމާބެހޭ މަސްއުލުވެރިންނަށް އޭނާ އިރުޝާދު ދެއްވި ކަމަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައެވެ.

ޓްރަމްޕްގެ ކޭންޕޭން އެއްވުމުގައި ހުސްގޮނޑި ހުރި މަންޒަރު ދައްކައިދޭ ފޮޓޯއެއް
ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަކީ ދެ މިޔަލީ ކަނޑިއެއް ގެންގުޅުން ފަދަ ރިސްކީ ކަމެއްކަމަށާ ޓެސްޓު ކުރުން މަޑުޖައްސާލުމަށް އިރުޝާދު ދެއްވީ އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކަމުގައެވެ. ޓެސްޓް ކުރުން ގިނަކުރާ ވަރަކަށް ކޮވިޑް-19 ގެ ކޭސްތައް އެމެރިކާގައި އިތުރުވަމުންދާތީ ޓެސްޓު ކުރުން މަޑުޖައްސާލުމަށް އިރުޝާދު ދެއްވީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މިވާހަކަތަކަކީ ކޮވިޑް ފަދަ ބޮޑު ވަބާއެއް ފެތުރެމުންދަ ދަނޑިވަޅެއްގައި ގައުމެއްގެ ރައީސަކު ދައްކަވަން ނުވާވަރުގެ ގޯސް ވާހަކަތަކެއްކަމަށް މުހައްލިލުންވަނީ ސިފަކުރައްވާފައެވެ. މިއީ އެމެރިކާގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރެން ފެށުމުން މިދިޔަ މާޗްމަހު އެމެރިކާގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފުރަބަންދުގެ ފިޔަވަޅުތައް އެޅިފަހުން ގިނަބަޔަކު އެތެރޭގެ އެއްވުމެއްގައި ބައިވެރިވި ފުރަތަމަ އެއްވުމެވެ.
އެއްވުމަށް ޓްރަޕްމްގެ ސަޕޯޓަރުން ނުދިޔުމުން އެކަމާމެދު ޓްރަމްޕްވަނީ ކަންބޮޑުވުން ފާޅުކުރައްވައި އެއީ މީޑިއާއިން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ސަބަބުން ވީކަމެއްކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެމެރިކާގެ މީޑިއާއަށް ފާޑުވިދާޅުވެފައެވެ.
އޮކްލަހޮމާ އަކީ ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ތާއީދު ބޮޑު ސްޓޭޓެކެވެ. އަދި އެއްވުން ބޭއްވި ޓަލްސާއަކީ ޓްރަމްޕްގެ ސަޕޯޓަރުން ކަމަށްވާ ރޭސިސްޓް ހަރުކަށި ވިސްނުމުގެ ދޮންމީހުން ގެ ނިސްބަތްވެސް ބޮޑު ރަށެކެވެ.
މި އެއްވުން އޮތް ސްޓޭޑިއަމަށް މީހުން ވައްދާފައިވަނީ އެމީހުންގެ ހަށިގަނޑުގައި ހުމުގެ އަސަރު ހުރިތޯ ބެލުމަށް ފަހުއެވެ. ނަމަވެސް އެ އެއްވުން އިންތިޒާމް ކުރުމަށް މީގެ ހައެއްކަ ދުވަސްކުރިން ފެށިގެން އެމަސައްކަތުގައި އުޅުނު ބައެއްމީހުން ވަނީ އެއްވުން ބޭއްވުމުގެ ކުރިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ކަށަވަރުވެފައިވެއެވެ.
އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިޔަނަށްވުރެ މައްޗަށް ގޮސްފައިވާއިރު ދެލައްކަ ބާވީސް ހާސްމީހުންވަނީ އެ ރޯގާގައި މަރުވެފައެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް ތިރީހަކަށް ހާސް މީހުން އެމެރިކާގައި އެ ރޯގާއަށް ޕޮޒިޓިވް ވެއެވެ.
ޓްރަމްޕް ގެ ކޭންޕޭން އެއްވުމާ ގުޅިގެން ކޮވިޑް-19 އިތުރަށް ފެތުރިދާނެ ކަމުގެ ކަންބޮޑުވުން އެމެރިކާގެ ސިއްޙަތާބެހޭ މަސްއޫލުވެރިން ވަނީ ފާޅުކުރައްވާފައެވެ. އެމެރިކާގެ ސިއްޙަތާބެހޭ މަސްއޫލުވެރިން ވަނީ ގިނަބަޔަކު އެއްވާ އެއްވުންތައް ބޭއްވުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއްކަމަށާ އެރޯގާ ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ބޭނުންވާކަމަށް ވިދާޅުވެ ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)