މާފައްނުގައި ހުންނަ މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) ޒަމާނީ ފެންވަރަށް އިމާރާތްކޮށް ނިންމައި، އެ މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ކުރިން ދެ ބުރިއަށް އަޅާފައި ހުރި މަވެޔޮޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރިއަށް ތަރައްގީ ކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު އެވެ. އެތަން ތަރައްގީކުރަން ނިންމީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ ބައިވެރިވުމާއެކު، ދައުލަތުން 17 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. އެއީ މިސްކިތުގެ ފަސް ބުރީގެ ތެރެއިން ތިން ބުރިއަށް ވާ ހަރަދެވެ.

ނަމަވެސް މިސްކިތް ހަތް ބުރިއަށް އަޅަން ނިންމަވައި، އެތަނުގެ ހުރިހާ މަސައްކަތެއް ނިންމެވީ ދައުލަތުގެ އެއްވެސް ހަރަދެއް ނުނަންގަވައި، ޖަނާހުގެ އަމިއްލަ ހަރަދުގަ އެވެ. މިސްކިތުގެ ޑިޒައިނާއި އިމާރާތްކުރުމުގެ މަސައްކަތް ކުރީ އޭނާގެ އެޗްއާރުސީ ކުންފުނިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ، މިސްކިތުގެ މަސައްކަތް މުޅިން ނިންމާ، މި މަހުގެ 20 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިިވާ ކަަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

މިނިސްޓަރު ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ވެސް، މިސްކިތް ހަވާލުކުރުމަށް މަސައްކަތް ކުރި ކަމަށާއިި، އެހެން ނަމަވެސް ކޮވިޑް19 އާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، މިސްކިތް ހަވާލުނުކުރެވި ލަސްވެގެން ދިޔައީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މިސްކިތް ހުޅުވަން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިިވާ ކަމަށެވެ.

މަސްޖިދުލް ބަހާއުއްދީންގެ ނަން މިހާރު ވަނީ މަސްޖިދުލް އަލީ ހުސައިން އަށް ބަދަލުކޮށްފަ އެވެ.

މީގެ ކުރިން 400 އެއްހާ މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައި ވަނީ ޓެރަހަކާއެކު ހަތް ބުރިއަށެވެ. މިހާރު އެ މިސްކިތުގެ ޖާގަ ވަނީ ގާތްގަނޑަކަށް 2000 އަށް އިތުރުވެފައެވެ. މިސްކިތުގެ އެއް ފްލޯ އަކީ އަންހެނުންނަށް ހާއްސަ ފްލޯއެކެވެ. އެއް ފްލޯއިން އަނެއް ފްލޯއަށް ދިޔުމަށް ލިފްޓުވެސް ބަަހައްޓާފައި ހުރެ އެވެ.

މީގެ އިތުރުން އެތަނުގައި ބޭސްމަންޓެއް ހުންނަ އިރު ހުރިހާ ފްލޯއެއްގައި ހުންނަނީ އެއާކޮންޑިޝަން ކޮށްފަ އެވެ. އަދި އެތެރެއާ ބޭރުން ސީސީޓީވީވެސް ހަރުކޮށްފައި ހުރެ އެވެ. މިސްކިތުގެ އިންޓީރިއާ ހަދާފައިވަނީ މާބަލް ޖަހައި، އަދި ކާޕެޓުވެސް އަޅައިގެންނެވެ.