މާލޭ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސްް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، ޖަލުން 101 ސާމްޕަލް ނަގާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މާލޭ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާ، ގައިދީންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފެށީ އިއްޔެއެވެ.

ކަރެކްޝަންސް އިން ބުނީ އެޗްޕީއޭ އާ ގުޅިގެން އިއްޔެ މާލޭ ޖަލުން 101 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެގޮތުން ސާމްޕަލް ނަގާފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުންނާއި، 24 ގައިދީންނާއި ބަންދުމީހުންގެ އިިތުރުން ހަތް ވެއިޓަރުންގެއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ މާލޭ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެކެވެ.

މީގެ ކުރިން ވެސް ޖަލުތަކުން އޮފިސަރުންނާއި ގައިދީން ވަނީ ކޮވިޑަށް ޓެސްޓުކޮށްފަ އެވެ. ރެންޑަމް ސާމްޕްލިންގެ ތެރެއިން އެފަހަރު ޓެސްޓުކުރި އެންމެން ވެސް ވަނީ ނެގެޓިވްފަ އެވެ.

ރާއްޖެއިން މިހާތަނަށް 2,187 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 1،788 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ފަރުވާދެމުން އަންނަނީ 389 މީހަކަށެވެ.