މާދަމާ ބޭއްވު ހަމަ ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް އިދިކޮޅު މެންބަރުން ބޮއިކޮޓް ކޮށްފި އެވެ.

އިނދިކޮޅުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަން ފަށާފައިވަނީ، މި މަހުގެ ދެވަނަ ދުވަހުގެ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުމުގެ ސަބަބުންނެވެ.

އެ ހަމަނުޖެހުމުގެ ޒިންމާ އިނދިކޮޅު ފަރާތްތަކުން އަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގަ އެވެ. އެއީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝީޔާމްގެ ނަން އިއްވުމުން އޭނާ މަޖިލީހުން ނިކުތުމަށް ދެކޮޅު ހެދުމުން އެމްޑީޕީގެ މެންބަރުން މެދުވެރިކޮށް މަޖިލީހުން ނެރުމުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

އިނިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާތަނަށް މަޖިލީހުގެ ރައީސް ދެއްވާފައި ނުވާ ކަމަށެވެ.

އެހެން ކަމުން މާދަމާގެ ޖަލްސާ ވެސް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މާދަމާ ހެނދުނު 09:00 މަޖިލީހުގެ ޖަލްސާ އޮންނައިރު އެ ޖަލްސާގެ އެޖެންޑާ ވެސް ވަނީ އާންމުކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާ މަދާމާ ބޭއްވުމަށް ތާވުލުކޮށްފައިވާއިރު، އެތަނުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެނގިފަ އެވެ.އަދި އިތުރު ބަޔަކު އެކަހެރިކޮށްފައިވާިއިރު މިހާރު ވަނީ އެތަން ޑިސްއިންފެކްޓް ކޮށްފަ އެވެ.

މާދަމާގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި ސުވާލުކުރަން ވަނީ އެޖެންޑާ ކޮށްފައެވެ.

މިނިސްޓަރާ ސުވާލުކުރަނީ މާފަންނު ކޯރުކެނޑި މަގުގައި ހުންނަ މާވެޔޮ މިސްކިތް މަރާމާތު ކުރުމަށް ބަންދު ކުރެވުނުތާ ކިހާ ދުވަހެއް ވެފައިވޭތޯ އާއި މިސްކިތް ނިމި އަލުން ހުޅުވޭނެ ތާރީހާ ގުޅޭގޮތުންނެވެ.