21 Jun 2020, 21:37
ކޮވިޑް19 އާގުޅިގެން، ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ މީހުން އަބުރާ ފޮނުވާލުމަށް ކުރާ މަސައްކަތުގެ ދަށުން މިއަދު އިތުރު 490 މީހަކު ފުރުވާލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ 198 މީހަކު މިއަދު އަނބުރާ ގައުމަށް ފޮޮނުވާލާފައިވާ ކަަމަށެވެ. އެމީހުން ގައުމަަށް ދަނީ ކަނޑުމަގުންނެވެ.
މިހާތަނަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ތެރެއިން 2،700 އަށްވުރެ ގިނަ މީހުން ވަނީ ގައުމަށް ފުރުވާލައިފަ އެވެ. ރާއްޖޭގައި އެކި މަސައްކަތްތަކުގައި 27،000 އެއްހައި އިންޑިއާ ރައްޔިތުން އުޅެ އެވެ.
މީގެ އިތުރުން މިއަދު ލަންކާގެ 292 މީހަކު ވެސް ވަނީ ފުރުވާލައިފައެވެ. އެމީހުން ފުރުވާލާފައި ވަނީ ވައިގެ މަގުންނެވެ.
ރާއްޖެއިން މިހާތަނަށް 2,187 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި އިންޑިއާގެ 206 މީހަކާއި، ލަންކާގެ 12 މީހަކު ހިމެނެއެވެ.
ރާއްޖޭގައި ތިބި ބިދޭސީން ފުރުވާލުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ވެސް ވަނީ އަނބުރާ ގައުމަށް ފުރުވާލައިފައެވެ. އޭގެ ތެރޭގައި ގިނައީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުންނެވެ.