01 Jan 2012, 11:11
އިއްޔެ ނިމުނު ދެ ބައި އިލްކެޝަނަށް ރައީސުލް ޖުމުހުރިއްޔާ މުހައްމަދު ނަޝީދު ނުފޫޒް ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ޕީޕީއެމުން ހުށައެޅި މައްސަލަ ބައްލަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ށ. މިލަންދޫ ދާއިރާ އާއި އއ. މަތިވެރި ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް އެ ކޮމިޝަނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފުވާދު ވިދާޅުވީ ދެ ބައި އިލެކްޝަނަށް ރައީސް ނަޝީދު ނުފޫޒް ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ބުނެ ޕީޕީއެމުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނުގެ މެންބަރުން އެ ކަން ބައްލަވާފައި ވީނަމަވެސް އަދިވެސް އެ ދެ ދާއިރާގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ކޮމިޝަނުން އެކަން ބަލައި ގޮތެއް ނިންމަވާނެ ކަމަށެވެ.
"މިދިޔަ ބުރާސްފަތި ދުވަހު [ޕީޕީއެމުން] ސިޓީއަކާއި ފޮޓޯ ސީޑީއެއް ލިބިފައިވަނީ އެކަމާ ގުޅެގޮތުން ވަކިގޮތެއް ނުނިންމަން. ހޯމަ ދުވަހު ކޮމިޝަނުގެ ބައްދަލުވުމެއް ބާއްވާނަން. އެ ބައްދަލްވުމަށް ފަހު އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެށް ދެންނެވޭނީ،" ފުވާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން ފޮނުވި ސިޓީއާއި ފޮޓޯތައް ބޮޑަށް ބެލެވެނީ ޝަކުވާއެއްގެ ގޮތަށްވުރެ މައުލޫމާތެއްގެ ގޮތުގައި ހުށައެޅި އެއްޗެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް އެކަން އިތުރަށް ކޮމިޝަނުން ބަލާނެ ކަމަށެވެ.
"ދާއިމީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރުމުގެ ކުރިން ހޯމަދުވަހު ޕިޕީއެމުން ހުށައެޅި ސިޓީގައިވާ ކަންތައް މިވަގުތު ކޮމިޝަނުގައި ތިއްބެވި ހުރިހާ މެންބަރުންނައި އެކު ބެލުމަށްފަހު ވަކި ގޮތެއް ކަނޑައަޅާނަން،" ފުވާދު ވިދާޅުވި އެވެ.
ށ. މިލަންދޫ އާއި އއ. މަތިވެރި އަދި ހއ. ފިއްލަދޫގެ ލޯކަލް ކައުންސިލްގެ ބައި އިލެކްޝަނަށް ރައީސް ނަޝީދު ނުފޫޒު ފޯރުއްވަވާފައިވާ ކަމަށް ބުނެ ޕީޕީއެމުން ވަނީ މައްސަލަ ފުލުސް އޮފީހަށާއި އިލެކްޝަނާއި އޭސީސީ އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވެސް ހުށަހަޅައިފަ އެވެ.
ޕީޕިއެމުން ފޮނުވި ސިޓީގައި ބުނެފައިވަނީ އިންތިހާބު ބާއްވާ ދާއިރާތަކުގެ އިންތިހާބަށް ނުފޫޒުފޯރުވުމަށްޓަކައި ރައީސް ނަޝީދު ދަތުރުފުޅު ކުރައްވައި އެ ރަށްރަށަށް ވަޑައިގެން އެ ދާއިރާތަކުގެ ކުރިއަށް އޮތް އަހަރުގެ ރޭވިފައިވާ އެކިއެކި ތަރައްގީގެ ޕްރޮޖެކްޓުގެ ވާހަކަ ދައްކަވައި ވީހާވެސް އަވަހަކަށް އެކަންކަން ފައްޓަވާނެކަމަށް ވިދާޅުވެ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަގާމުގެ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
"... ރައީސް ނަޝީދު ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރައްވައިގެން ބޮޑެތި ވަފުދުތަކާއި ދައުލަތުގެ އުޅަނދުފަހަރުތަކުގައި ދަތުރުކުރައްވައި އަމިއްލަފުޅު ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދެއްވުމަށްޓަކައި އިންތިހާބަށް އެކިގޮގޮތުން ދަނީ ނުފޫޒްފޯރުވަމުން،" ސިޓީގައި ވެއެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު އުމަރު ނަސީރު ވިދާޅުވީ އިންތިހާބު އޮންނަ ރަށްތަކަށް މިދިޔަ ހަފުތާގެތެރޭގައި ރައީސް ވަޑައިގެންނެވި ކަމަށާއި އެ ދަތުރުފުޅުތަކުގައި އެމަނިކުފާނެ އެ ރަށްތަކަށް ކޮށްދެއްވާނެ ކަންތައްތަކުގެ ވާހަކަ ދެއްކެވި ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ