21 Jun 2020, 21:07
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އިތުރު ބަޔަކު އެކަހެރިކޮށްފައި ވަނިކޮށް، މާދަމާގެ ޖަލްސާ މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ.
މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 29 މުވައްޒަފަކު އެކަހެރިވާން ވެސް ވަނީ އަންގައިފައެވެ.
މާދަމާ ހެނދުނު 09:00 ގައި މަޖިލީހުގެ ޖަލްސާ ތާވަލުކޮށްފައި ވާއިރު، ޖަލްސާ އޮންނާނީ މަޖިލިސް ކުރާ ގޭގައި ކަމަށް އެޖެންޑާގައި ބުނެފައިވެއެވެ.
މާދަމާގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި ސުވާލުކުރަން ވަނީ އެޖެންޑާ ކޮށްފައެވެ.
މިނިސްޓަރާ ސުވާލުކުރަނީ މާފަންނު ކޯރުކެނޑި މަގުގައި ހުންނަ މާވެޔޮ މިސްކިތް މަރާމާތު ކުރުމަށް ބަންދު ކުރެވުނުތާ ކިހާ ދުވަހެއް ވެފައިވޭތޯ އާއި މިސްކިތް ނިމި އަލުން ހުޅުވޭނެ ތާރީހާ ގުޅޭގޮތުންނެވެ.
މާދަމާގެ ޖަލްސާ ތަޅުމުގައި ބާއްވަން ނިންމާފައި ވާއިރު، މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންގޮސް މަޖިލިސް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.
މަޖިލީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށި އިރުވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި، ދުރާލާ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އަދި ރޯގާއާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން، މަޖިލީހުގެ މަސައްކަތްތައް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔުމަކީ އަމާޒެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަޖިލީހުގެ އިދާރާގައި މަޖިލީހުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.