މާލެ ސަރަހައްދު ފުރަބަންދު ކުރުމާ ގުޅިގެން މާލޭގައި ތާށިވި މީހުންގެ ތެރެއިން ރަށަށް ފޮނުވާ ފަރާތްތައް ރަށުގައި ކަރަންޓިންވާ ގޭގައި ދިރިއުޅޭ އެހެން މީހުންނަށްވެސް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.

އެޗްޕީއޭގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މި އުސޫލަކީ މިމަހު 15 ވަނަ ދުވަހު އިސްލާހުކޮށްފައިވާ އުސޫލެކެވެ. މި އުސޫލު މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވަނީ އިސްލާހުކޮށްފައެވެ.

އެންމެ ފުރަތަމަ މިމަހު ހަވަނަ ދުވަހު އާންމު ކުރި އުސޫލުގެ ދަށުން ކަރަންޓީންވާ ގޭގައި ދިރިއުޅޭ އެހެން މީހުންނަށް އެ ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ. އަދި ކަރަންޓީންގެ މުއްދަތަކީވެސް 24 ދުވަހެވެ.

ނަމަވެސް ދެވަނަ ފަހަރަށް ގެނައި އިސްލާހުގެ ދަށުން ކަރަންޓީންވާ މީހާވެސް އަދި އެގޭގައި ދިރިއުޅޭ އެހެން މީހުންވެސް ގެއިން ބޭރަށް ދިޔުން މަނަލެއް ނޫނެވެ. އަދިތިން ވަނަ ފަހަރަށް ގެނައި އިސްލާހުގައިކަރަންޓީންވާ މީހާ ގެއިން ބޭރަށް ނުކުތުން މަނާ ވިނަމަވެސް، އެގޭގައި ދިރިއުޅޭ މީހުން ޒަރޫޒީ ބޭނުންތަކަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން ގެއިން ބޭރަށް ދިޔުމުގެ ހުއްދަ ލިބެއެވެ.

މިހާރު މި އުސޫލަށްގެނެސްފައިވާ އިސްލާހުގެދަށުން ކަރަންޓީންގެ މުއްދަތު ގައި ގެއަށް މީހުން ވަނުމާއި ކަރަންޓީންވާ މީހާ އަދި ގޭގައި ދިރިއުޅޭ އެހެން މީހުންވެސް މީހަކު ބޭރަށް ނިކުތުމަކީ މަނާ ކަމެކެވެ.

ކުރިން އުސޫލުގައި ކަރަންޓީންގެ މުއްދަތަކީ 24 ދުވަސްކަމަށް ކަނޑައެޅި ނަމަވެސް، މިހާރު އިސްލާހު ގެނެސްފައިވާ އުސޫލުގައި ރަންޓިންގެ މުއްދަތު ވަނީ 14 ދުވަހަކަށް ކުރުކޮށްފައެވެ.

ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޯވިޑް-19 އަށް ޓެސްޓްކުރުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ. ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ ޕޮޒިޓިވް މީހުންނަށް ކަންކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން އަމަލު ކުރެވެނެ ކަމަށް އުސޫލުގައި ބުނެއެވެ.

ދެން ހުރީ ހަމަ ކުރީގެ އުސޫލުގައި ހުރި ވާަހަކަ ތަކެވެ؛

ކަރަންޓީނުވާތަނުގައި ހުންނަ ޖެހޭ މުހިންމު ޝަރުތުތައް:

  • ކަރަންޓިން ވާ މީހުން ބައިތިއްބަން ޖެހޭނީ ވައިދައުރުވާ ގޮތަށް ހުންނަ ވަކި ކޮޓަރިއެއްގައި ނުވަތަ ކޮޓަރިތަކެއްގައި.

  • އެއްކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީން ކުރާނަމަ، ދެ އެނދު ދޭތެރޭ މަދުވެގެން ތިން ފޫޓު ހުންނަންވާނެ.
  • ކަރަންޓީން ކުރާ މީހުންނަށް ސާފުފެން ލިބެން ހުންނަ ވަކި ފާހާނާއެއް ހުރުން.އެކަކަށްވުރެ ގިނަ މީހުން ފާހާނާ ބޭނުން ކުރާ ނަމަ، ރަނގަޅަށް ސާފު ކުރުން.
  • ކަރަންޓީނުކޮށްފައިވާ މީހާ ބޭނުން ކުރުމަށް ތަށި، ސަމުސާ، ތުވާލި، އަދި ބޭޑުޝީޓު، ބާލިސް ފަދަ ތަކެތި ވަކިކޮށްފައި ބެހެއްޓުން.

ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ގޭގައި ކަރަންޓިން ކުރާނީ މި އުސޫލުގެ ދަށުންނެވެ. ގޭގައި ކަރަންޓިން ނުމވެވޭ މީހުން ކަރަންޓިން ކުރާނީ ސަރުކާރުން ގައިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައެވެ.