22 Jun 2020, 08:44
މިދިޔަ އާދިއްތަ ދުވަހު މަރުވި ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރާ ގުޅިގެން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ ބަތަލާ ރިއާ ޗަކްރަބޯޓީގެ މައްޗަށް ދައުވާކުރަން ހުށައަޅައިފި އެވެ.
ސުޝާންތުގެ އުފަން އަވަށް ބިހާރު ސްޓޭޓްގެ ކުންދަން ކުމާރު ކިޔާ މީހެއް ވަނީ ރިއާ އާ ދެކޮޅަށް މައްސަލަ ބިހާރުގެ ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުން މި މަހު 24 ވަނަ ދުވަހު އޮންނާނެ އެވެ.
ކުންދަން ބުނީ ރިއާ އާ ގުޅިގެން އެކި ކަހަލަ ވާހަކަތަކެއް މިވަގުތު މީޑީއާތަކުންވެސް ދެކެވެމުންދާތީ ސުޝާންތުގެ މަރުގެ މައްސަލައާ ރިއާ އާ ކޮންމެވެސް ގުޅުމެއްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މިދިޔަ ހަފްތާގައި ރިއާގެ ބަޔާންވެސް ވަނީ ފުލުހުން ނަގާފަ އެވެ. އަދި ރިއާގެ ބަޔާން ނެގުމަށް ޖުމްލަ ނުވަ ގަޑިއިރު ފުލުހުން ވަނީ ހޭދަކޮށްފަ އެވެ. އަދި ރިއާ އާއި ޕްރޮޑިއުސަރު މަހޭޝް ބަޓް އާ ދެމެދު ސިއްރު ގުޅުންތަކެއް އޮންނަ ވާހަކަ ވެސް މިދުވަސްވަރު ވަނީ ތިލަވެފަ އެވެ. ސުޝާންތު އަމިއްލަ އަށް މަރުވާނެ ކަމަށް މާކުރިން ވެސް އެނގޭކަމަށްވެސް މަހޭޝް ބަޓް މީގެ ކުރިން ވަނީ ބުނެފަ އެވެ.
މަހޭޝް އަކީ ކާމިޔާބު ބަތަލާ އާލިއާ ބަޓްގެ ބައްޕަ އެވެ. ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންތު މަރުވީ ޑިޕްރެޝަނުގެ ތެރޭގައި އުޅެފަ އެވެ. އަދި އޭނާ ބޮލީވުޑުން ބާކީކޮށްފައި ހުންނަ ވާހަކަތަކެއް ވެސް އޭނާ މަރުވުމާއެކު ވަނީ ފެންމަތިވެފަ އެވެ. އަދި ބޮލީވުޑްގެ އޮންނަ ތަފާތު ކުރުމުގެ ވާހަކަތައް ވަރަށް ބާރަށް މިދުވަސްވަރު ވަނީ ދެކެވެން ފަށައިފަ އެވެ. އަދި ބޮލީވުޑުން ސުޝާންތު ބާކީކޮށް އޭނާއަށް ހުށައެޅި ފިލްމުތައް ވެސް އޭނާގެ އަތުން އަތުލި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.