22 Jun 2020, 09:29
ކޮވިޑް19 އަށް ދައުލަތުގެ ދެ އޮފީހެއްގެ މުވައްޒަފުން ޕޮޒިޓިވްވެ ބައެއް މަސައްކަތްތަކަށް ހުރަސްއެޅުނެވެ. އެގޮތުން މޯލްޑިވްސް ކަރެކްޝަންސް، މާލޭ ޖަލުގެ އޮފިސަރަކާއި ކްރިމިނަލް ކޯޓުގެ އޮފިސަރަކު ކޮވިޑް19އަށް މި ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް، ރައްޔިތުންގެ މަޖިލިސް އަދި އެންޒީ ކުންފުނީގެ މުވައްޒަފުންތަކެއް ވެސް ވަނީ މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑް19ގެ ފެތުރުން ކޮންޓްރޯލްވި ނަމަވެސް، ސަރުކާރުން މާލެ ސަރަހައްދުގެ ފުރަބަންދަށް ދީފައިވާ ބޮޑެތި ލުއިތަކާއެކު މި ނުރައްކާތެރި ވައިރަހުގެ ބާނިތައް އޮފީސްތަކަށްވެސް މި ވަނީ ވަންނަން ފަށައިފަ އެވެ.
އެންމެ ފުރަތަމަ އޮފީސްތައް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ މިދިޔަ މެއި މަހު 28 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ލުއިތައް ދިނުމުގެ ފުރަތަމަ ފޭސް އެވެ. ސަރުކާރުންގެ އޮފީސްތައް ވެސް ވަކި ހާއްސަ އުސޫލެއްގެ ދަށުން ވަކި ދުވަސްތަކެއްގައި މިދިޔަ މަހު 31 ފެށިގެން ހުޅުވަން ވަނީ ފަށާފަ އެވެ. ހާއްސަކޮށް އަމިއްލަ ވިޔަފާރިތަކުގެ އޮފީސްތައް މިހާރު ވަނީ ހުޅުވަން ފަށައިފަ އެވެ.
ކޮރޯނާވައިރަސްގެ ކޭސްތައް ރާއްޖެއިން ފުލުފުލުގައި އައިސް މިހާރު މިވަނީ ކޮންމެވެސް ވަރަކަށް ބަލި ފެތުރުން ކޮންޓްރޯލްވެފަ އެވެ. އެއާއެކު ސަރުކާރުން މިވަނީ ފޭސްތަކަށް ބަހާލައިގެން ބޮޑެތި ލުއިތަކެއްވެސް ދީފަ އެވެ. މި ލުއިތަކާއެކު ކޭސްތައް އިތުރުވުމަކީ ހަމަ ގާތް ކަމެއްކަން ޔަގީންނެވެ. އޮފީސްތައް ހުޅުވުމުގެ ހުއްދަ ދިންތާ 20އަކަށް ދުވަސްވީއިރު، މިހާރު އޮފީސްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ އިތުރުވެފަ އެވެ.
އޮފީސްތަކުގައި މަސައްކަތް ކުރާއިރު އަމަލު ކުރަންޖެހޭ ގައިޑްލައިނެއް އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެ ގައިޑްލައިގައި ބުނާގޮތުން ކޮވިޑް ފެތުރިފައިވާ މި ދަނޑިވަޅުގައި ކޮންމެ އޮފީހަކުންވެސް ބަދަލު ކުރަން ޖެހޭ ކަންތައްކަކާއި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. އަދި އެ ގައިޑްލައިނަށް ފެެތޭ ގޮތަކަށް އެ އޮފީސްތަކަށް އަމިއްލަ އުސޫލުތައްކެއްވެސް ހެދިދާނެ އެވެ.
އޮފީސްތަކުން އަމިއްލަ އުސޫލު ހަދާ އިރު ސަމާލުކަން ދޭން ޖެހޭ ކަންތައް:
އޮފީސް ވަގުތުގައި ހުރިހާމުވައްޒަފުންވެސް މާސްކު އަޅައިގެން އުޅުން.
- ސާފު ވައި ދައުރުވާނެހެން އޮފީސް މާހައުލު ބަދަލު ކުރުން.
- ސާފުތާހިރު ކަމާއި އެކު އަތް ދޮވޭނެ ގޮތެއް ހުރުން، ސެނިޓައިޒް ކުރެވޭނެ ގޮތް ހުރުން.
- ގައިދުރުކަން ބެހެއްޓޭނެ ގޮތަށް މަސައްކަތްތައް ބަހާލުން.
- ޝިފްޓްތަކަށް ބަހަލައި، މަދު މުވައްޒަފުން ކޮންމެ ޝިފްޓަކަށްވެސްލުން.
މީގެ ކުރިން އެޗްޕީއޭ އިން ކަނޑައަޅާފައި ވަނީ ހަތަރު ގަޑީގެ ޝިފްޓަކަށް ބަހަލައިގެން ގިނަ ވެގެން ފަސް މީހުން މަސައްކަތް ކުރާ ގޮތަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނާއި އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހުން ފަދަ ކޮވިޑް ނުރައްކާ ބޮޑު މީހުންނަށް އޮފީހަށް ނުކުމެގެން ނުވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ނިންމާފަ އެވެ.
މުވައްޒަފުން ސަމާލުކަން ދޭންވީ ކޮންކަމަކަށް؟
އޮފީސް މާހައުލަކީ ރައްކާތެރި މަހައުލަކަށް ހެދުމަށްޓަކައި މުވައްޒަފުންގެ ފަރުދީ ޒިންމާވެސް ބޮޑެވެ. އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ވެސް މުވައްޒަފު މަސައްކަތައް ނުކުތުމަށް ފަހު އޭނާ މަސައްކަތް ކުރާ ސްޓޭޝަން ސާފު ކުރުމަށް އާދައަކަށް ހަދަން ޖެހޭ ކަމަށެވެ.
"ސެނިޓައިޒާ ވައިޕްއަކުން ނުވަތަ ބްލީޗް ސޮލިއުޝަންއަކުން އެމީހާ އިށީންނަވާ ތަނެއްގެ ސާފޭސް ސާފު ކުރުމަށް ފަހު ދެން މަސައްކަތައް އިށީންނަވަން ވާނީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮންމެ މުވައްޒަފަކުވެސް އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް ތިން ފޫޓުގެ ގައިދުރުކަން ބައްހަޓަން ވާނެ ކަމަށެވެ. އަދި އެކަކު އަނަކަކަށް ވާހަކަ ދައްކާއިރު ވެސް އެކަމަށް ސަމާލުކަންދޭން ވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
"މުވައްޒަފުންގެ މެދުގައި ގިނައިން ފޭސް ޓު ފޭސްކޮށް ވާހަކަ ދެއްކުމުގެ ބައްދަލުގައި ފޯނުން ވާހަކަ ދެއްކުން މުހިންމު،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
މިހާރުވެސް ފެންނަ ޕޮޒިޓިވްވި ކޭސްތަކުން ދިމާވާ އެންމެ ބޮޑު މައްސަލަކީ ބައެއް މުވައްޒަފުން ރޯގާގެ އަލާމާތްތައް ހުންނަ އިރުވެސް އޮފީހަށް ނުކުންނަ މައްސަލަ ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވި އެވެ. އެގޮތުން އެއްވެސް ވަރަކަށް އަލާމާތްތައް ފެންނަ ނަމަ، އޮފީހަށް ނުނިކުތުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި އެވެ. އަދި އެކަން ވީހާވެސް އަވަަހަކަށް ރިޕޯޓު ކުރެއްވުމަށް ޑރ. އަފްޒަލް އެދިވަޑައިގެންނެވި އެވެ.
މުވައްޒަފުން ސަމާލުކަން ދޭންވީ އެހެން ކަންތައްތައް:
ފާހާނާ ބޭނުން ކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން.
- އޮފީސް އަށް ވަންނަމުން އަތް ސެންޓިއިޒް ކުރުން.
- މުވައްޒަފުންނާއެކު ގުރޫޕު ހަދާފައި ބޭރަށް ކާން ނުދިޔުން.
- މާސްކް ރަނގަޅު ގޮތުގައި އަޅަން ޖެހޭ ގޮތަށް އެޅުން.
އޮފީސްތަކަށް ކޮވިޑް ބާނިތަކުގެ އަސަރު ކުޑަ ކުރެވޭނީ އެންމެންގެ އެއްބާރުލުމާއެކު އެވެ. ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތްވެސް މި ކަންކަންކަމަށް ސަމާލުކަން ދީގެންނެވެ. އެހެން ނޫނީ އަނެއްކާ ވެސް މުޅި އޮފީސްގެ އޮޕަރޭޝަން ހުއްޓުމަކަށް އައުމުގެ ބިރާ ކުރިމާތިލާން ޖެހިދާނެ އެވެ.