ރޭ މެންދަމު 12 ޖެހިއިރު މީލާދީ އައު އަހަރަކަށް ދުނިޔެ ވަނުމާ އެކު ދުނިޔޭގެ އެކި ޤައުމުތަކުގައި އައު އަހަރަށް މަރްޙަބާ ކިޔުމުގެ ޙަފްލާތައް ބާއްވަމުން އެބަގެންދެ އެވެ. ނިމުނު 2011 ވަނަ އަހަރު ދޫކޮށްލުމަށް ފަހު އެންމެ ފުރަތަމަ 2012 ވަނަ އަހަރަށް އަލިވިލުނީ ޕެސިފިކް ކަނޑުގެ ދެކުނުގައިވާ ޖަޒީރާ ޤައުމުތަކެވެ. އެއަށް ފަހު އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑެވެ.

މީލާދީ އައު އަހަރު ފެށުމުގެ އިޙްތިފާލްތައް ކޮންމެ ޤައުމެއްގައި ވެސް ކުރިޔަށް ގެންދަނީ އެ ޤައުމެއްގެ ދީނާއި ޘަޤާފަތާ އަދި އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑާއި ޔޫރަޕްގެ ގިނަ ޤައުމުތަކުގައި މިއިޙްތިފާލްތައް ކުރިޔަށް ދިޔައީ ބަޑިބޭހުގެ ކުޅިވަރުތަކާއި މިޔުޒިކީ ހަފްލާތަކުންނެވެ. ޖަޕާނުގައި ގިނަ ބަޔަކު އައު އަހަރު ފާހަގަކުރީ އެ މީހުންގެ ފައްޅިތަކުގަ އެވެ. އެއީ 2011 ވަނަ އަހަރު އައި ބިންހެލުމާއި ސުނާމީގައި މަރުވެފައިވާ މީހުންގެ ހަނދާންތައް އާ ކުރުމަށް ޓަކައެވެ.

ޢަރަބި ޤައުމުތަކުގެ ތެރޭން މީލާދީ އައު އަހަރު ބޮޑަށް ފާހަގަކުރީ ނަސާރާއިންގެ ނިސްބަތް ގިނަ ޤައުމުތަކުގަ އެވެ.
އޭގެތެރޭގައި މިސްރު، މަޣްރިބް، ލުބްނާން ފަދަ ޤައުމުތައް ހިމެނެ އެވެ. ނަމަވެސް ޢަރަބި އަދި އިސްލާމީ ގިނަ ޤައުމުތަކުގައި މީލާދީ އައު އަހަރު ސަލާމް ގަލާން ކުރުމާއި ހެޔޮއެދުމާއި ތަހްނިޔާގެ މެސެޖްތައް ބަދަލުކުރުން ފަދަ ކަންތައްތައް އާދައިގެ މަތިން ފާހަގަކުރި އެވެ.

ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުގެ ރައްޔިތުން މީލާދީ އައު އަހަރު ފާހަގަކުރާނީ މޭބިސްކަދުރު ކެއުމުގެ އާދައިން ކަމަށް ވާއިރު ކިޔުބާގައި އައު އަހަރު ފާހަގަކުރަނީ ކުޑަދޮރުން މަގުމައްޗަށް ފެން އުކައިގެން ކަމަށާއި އެއީ އައު އަހަރަށް ގެދޮރު ސާފުކުރުމުގެ ގޮތުން ކަމަށް ޚަބަރުތައް ބުނެ އެވެ.

ޕެރޫގައި ކޮންމެ އަހަރަކު ވެސް މިލާދީ އައު އަހަރު ފާހަގަކުރަނީ ނުބައި މީހުންގެ ނަމުގައި ހަދާފައިވާ ބުދުތައް އަންދައިގެންނެވެ. (ނޫސްއެޖެންސީތައް)