21 Jun 2020, 14:48
ކްރިމިނަލް ކޯޓުގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކޯޓު ޑިސްއިންފެކްޓް ކުރުމަށްޓަކައި ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.
އެނގިފައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ ކޯޓުގައި މަސައްކަތް ކުރާ ލީގަލް އޮފިސަރެކެވެ. އަދި މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ އެ މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓްވީ މީހުން މިވަގުތު ހޯމް ކަރަންޓީނުގައި ތިބުމަށެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޓު ޑިސްއިންފެކްޓު ކުރުމަށްޓަކައި މިއަދާއި މާދަމާގެ އަޑުއެހުންތައް ކެންސަލުކޮށްފައިވާ ކަމަށެވެ.
އެ ދެދުވަހު ކޯޓު ހުޅުވައިގެން ހިދުމަތް ނުދެވުނު ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި ތަހުގީގުކުރާ އިދާރާތަކުން އެކި ކަންކަމަށް ބޭނުންވާ އަމުރު ނެރުމުގެ މަސައްކަތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ ކޮވިޑް-19 އަށް މުވައްޒަފެއް ޕޮޒިޓިވްވި ނަމަވެސް ގިނަ މުވައްޒަފުންތަކެއް ކަރަންޓީނު ކުރަން ނުޖެހޭގޮތަށް ކޯޓުގެ މަސައްކަތް ވަނީ ރޭވިފައި ކަމަށެވެ.
ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި ތަހުގީގުކުރާ އިދާރާތަކުން އެކި ކަންކަމަށް ބޭނުންވާ އަމުރު ނެރުމުގެ މަސައްކަތުގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ފުރަބަންދުގެ ހާލަތުގައިވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެ މަސައްކަތް ކުރުމަށްޓަކައި ގާޒީންނާއި މުވައްޒަފުން މިމަހުގެ 15 އިން ފެށިގެން މަސައްކަތައް ވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ނިކުންނަން ފަށާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއީ ޖާގައިގެ ދަތިކަމުން އެއް ފަހަރާ ގިނަ އަދަދަކަށް މީހުން ވަޒީފާއަށް ނެރެގެން ނުތިބެވޭނެތީ ކަމަށް ފާހަގަކޮށްފައިވެއެވެ.