މާލޭގައި ކުދި ކުދި ތަންތަން ކޮޅުގައި ޕްރީ ސުކޫލު ހިންގާ ކަމަށާއި އެކަން ހުއްޓުވުމަށް ތައުލީމުގެ ބިލުން އެޑިއެކޭޝަން މިނިސްޓްރީއަށް ބާރެއް ދެއްވުމަށް އެ މިނިސްޓްރީއިން އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކަ ކޮމިޓީއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ބައްދަލުކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ ކިޔަވައިދޭ ތަންތަން ހިންގާނެ އުސޫލުތަކެއް މިހާރު ބިލުގައި އޮތް ކަމަށެވެ. އެހެން ނަމަވެސް މިހާރު ހިންގާ ޕްރީ ސުކޫލުތައް އޭގެ ތެރޭގައި ހިމެނޭ ގޮތަށް ބިލު އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޕްރީ ސުކޫލެއް ވެއްޖެއްޔާ ޕްލޭ އޭރިއާއެއްވެސް އޮންނަން ޖެހޭނެ. ކްލާހުގައި ކޯނާ ތަކެއްވެސް ހެދިފައި ހުންނަން ޖެހޭނެ. އެކަހަލަ ވަރަށް ބައިވަރު ކަންތައްތަކެއް ހުރެގެން ޕްރީ ސުކޫލެއް ހިންގޭނީ. އެހެންނަމަވެސް ސިޓިންގް ރޫމެއްގެ ތެރޭގައި ރެޖިސްޓްރީ ކޮށްލައިގެން އެބަ ހިންގާ ޕްރީ ސުކޫލް،" އާތިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރީ ސުކޫލެއް ވިޔަސް އަދި ޕްރައިމަރީ ސުކޫލެއްވެސް ކިޔަވައިދޭ ތަނެއް ރެޖިސްޓްރީ ކުރާއިރު ވަކި ޝަރުތުތަކެއް ހުންނަން ޖެހޭ ކަމަށެވެ.

އެހެންވީމަ ތައުލީމުގެ ބިލުން އެޑިއުކޭޝަން މިނިސްޓްރީއަށް ކިޔަވައިދޭ ތަންތަން ރެޖިސްޓްރީ ކުރަން ބާރެއް ދިނުމަށް އާތިޔާ ކޮމިޓީގައި އެދިވަޑައިގެންނެވި އެވެ. އެގޮތުން ބިލު ގާނޫނަކަށް ވެ ފާސްކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ކިޔަވައިދޭ ތަންތަން އަލުން ރެޖިސްޓްރީ ކުރުމަށް އެންގުމުގެ ބާރު ދިނުމަށް އެދިވަޑައިގަތެވެ.

"އެހެންވީމަ އަލުން ރެޖިސްޓްރީ ކުރާއިރު އެހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައި ހުންނަތަންތަނަށް އޭރުން ފުރުސަތު ދެވޭނީ. ސުކޫލެއްގެ ގޮތުގައި ހިންގަން." އާތިޔާ ވިދާޅުވި އެވެ.

ސުކޫލު ފިޔަވައި ކިޔަވައިދޭ ތަންތަން ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ތައުލީމުގެ ބިލުގައި ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޑޭކެއާ ޗައިލްޑް ކެއާ ތަންތަން، ބޭބީ ނާސަރީ އަދި ޕްރީ ސުކޫލް، ޓިއުޝަން ކްލާސްތައް އަދި ސެންޓަރުތައްވެސް ހިމެނެ އެވެ.

ބިލުގައި ބުނެފައިވަނީ އެތަންތަން ރެޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ އުސޫލު ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކަމަށެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ހިންގާ ތަންތަންވެސް ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.