01 Jan 2012, 09:29
ލަންޑަން (ޖަނަވަރީ 1) : އިނގިރޭސިވިލާތުގެ ސިފައިންގެ ޚިދްމަތުން ރިޓަޔަރ ކޮށްފައިވާ މީހުންނާއި އަފްޣާން ހަނގުރާމައިން އެނބުރި އަންނަ އިނގިރޭސި ސިފައިން ގެ އެތަށް ހާސްބަޔަކު ވަރަށް ފަގީރު އަދި ނިކަމެތި ޙާލަތުގައި މަގުމަތިވެފައިވާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.
ލަންޑަންގައި ނުކުންނަ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ސަން" ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ސިފައިންގެ ޚިދްމަތުން ރިޓަޔަރ ކުރާ މީހުންނާއި އަފްޣާން ހަނގުރާމައިން އެނބުރި އަންނަ އިނގިރޭސި ސިފައިންގެ އެތަށްހާސްބަޔަކު ދިރިއުޅެމުންދަނީ ހިޔާވަހިކަމެއްނެތި މަގުތަކުގެ ޕޭމަންޓްތަކުގައާއި ރޭލްވޭ ސްޓޭޝަންތަކުގެ ކައިރީ ކޮޓަފާޅިތައް ހަދައިގެންނެވެ. އަދި އިނގިރޭސިވިލާތުގެ ޖަންގަލިތަކުގައިވެސް މީގެތެރެއިން ބައެއްމީހުން ވަރަށް ދެރަވަރު ޙާލުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ކަމަށްވެސް ސަން ގައި ޝާއިޢުކޮށްފައިވާ ސަރވޭ ރިޕޯޓް ބުނެއެވެ.
ސިފައިންގެ ޚިދްމަތުގައި އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައިވާ މިފަދަ މީހުން މިޙާލުގައި އުޅެމުން ގެންދާއިރު އިނގިރޭސި ދިފާޢީ ވުޒާރާގެ ބެލުމުގެ ދަށުގައި 8 ހާސް ފްލެޓް ހުސްކޮށް އެބަހުރި ކަމަށާއި އެފްލެޓްތަކުގެ ކުއްޔަށް އިނގިރޭސި ދިފާޢީ ބަޖެޓުން މިހާރުވެސް އަހަރަކު 54 މިލިޔަން ޕައުންޑް ޚަރަދުކުރާ ކަމަށް މިރިޕޯޓް ބުނެއެވެ.
އިނގިރޭސި ލަޝްކަރުތަކުގެ ޚިދްމަތުން ރިޓަޔަރ ކޮށްފައިވާ މީހުންނާއި އަފްޣާން ހަނގުރާމައިން އެނބުރި އަންނަ އިނގިރޭސި ސިފައިންނާމެދު ސަރުކާރުގެ އިހްމާލު މިހިސާބަށް ގޮސްފައިވާކަން އެނގުމުން އިނގިރޭސި ދިފާޢީ ވުޒާރާ ލަދުވެތިވެފައިވާ ކަމަށްވެސް މިރިޕޯޓް ބުނެއެވެ. (ސަން)