29 Jun 2010, 12:57
14:30
ޕާޓީ ޓިކެޓްގައި ލޯކަލް ކައުންސިލަށް އިންތިހާބުވާ ފަރާތަކުން، ޕާޓީ ބަދަލުކޮށްފިނަމަ ކައުންސިލް ގޮނޑި ގެއްލޭ ގޮތަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ.
ގާނޫނަށް މި އިސްލާހް ގެންނެވުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ކުޑަކުޑަ އިސްލާހެއް ނަމަވެސް މިއީ ވަރަށް މުހިއްމު އިސްލާހެއް ކަމަށެވެ. އަދި ޕާޓީގެ ފިކުރުގައި އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުން އިންތިހާބު ވުމަށްފަހު، އެ ފިކުރު ބަދަލު ކުރެއްވުމަކީ، ރައްޔިތުންނަށްވާ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.
މި ބިލަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުސަތުގައި، މިއީ ގާނޫނު އަސާސީއާ ވަރަށް ބޮޑަށް ތައާރަޒުވާ އިސްލާހެއް ކަމަށް ވިދާޅުވެ، މި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގެންނަވާ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ޑީއާރުޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު، އެމްޑީޕީ މެންބަރެއްގެ ގޮތުގައި، މިހާރު ހުންނެވި، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ، މި އިސްލާހަކީ ގަބޫލު ކުރެވޭނެ އިސްލާހެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ ހުދުމުހުތާރު ވިސްނުމެއް ކަމަށާއި، ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ފިކުރެއް ހިންގުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ. ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައަށް އިޝާރާތް ކުރައްވައި، އެ ކަމުގައި، އޭނާ ވޯޓު ލެއްވީ، ރައްޔިތުންނާ އެއްކޮޅަށް ގައުމު މަސްލަހަތާ އެއްގޮތަށް ކަމަށް ވިދާޅުވެ އެކަމުގައި ޑީއާރުޕީން އެޅި ފިޔަވަޅަށް އަލްހާން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވީ، މިފަދަ އިސްލާހް ހުށަހަޅަންޖެހެނީ، ރައްޔިތުންގެ ހައްގުގައޭ ބުނެ، އިންތިހާބު ކާމިޔާބު ކުރުމަށްފަހު އެ ރައްޔިތުންގެ ހައްގުގެ މަތިން ހަދާން ނެތޭތީ ކަމަށެވެ. އަދި މިއީ މުހިއްމު އިސްލާހެއް ކަމަށް ވިދާޅުވެ އާޒިމު ވަނީ އަލްހާނަށް ވަރަށް ބޮޑަށް ރައްދު ދެއްވައިފަ އެވެ.
ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި އުޅުއްވުމަށްފަހު، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި، ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރު ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ވެސް، ވޯޓުލުމާ، އިންތިހާބުތަކަށް ކުރިމަތިލުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާއިރު މި އިސްލާހަކީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ ހިލާފްވާ އިސްލާހެއް ކަމަށެވެ. އަދި ޕާޓީ ބަދަލުކުރި ނަމަވެސް، ޕާޓީން ވަކިވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ނުގެއްލޭނެކަމަށް ގާނޫނުއަސާސީން ބުނާއިރު، ހަމައެކަނި ކައުންސިލް އިންތިހާބުގައި އެގޮތަށް އޮތުމަކީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަން ނެތިގެން ދިއުނަ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރ އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް، ފުލުހުންގެ ގާނޫނަށް އިސްލާހްގެނައުމަށް ހުށަހެޅުއްވި ބިލު މަޖިލީހުން ކުރިއަށް ގެންދިއުމަށް މއިަދުގެ ޖަލްސާއިން ވަނީ، ފާސްކޮށްފަ އެވެ.
މި ބިލަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވި ފުރުސަތުގައި މެންބަރުން ވާހަކަ ދައްކަވައި ނިންމެވުމުން، މަޖިލީހަށް ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވައިތޯ، ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި، 74 މެންބަރުންގެ ތެރެއިން 42 މެންބަރުން ބިލު ބަލައިގަންނަން ފެންނަކަމަށް ވޯޓުދެއްވި އެވެ.