21 Jun 2020, 12:56
ނިއުޔޯކް (ޖޫން 21): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް އޮފިޝަލުންތަކެއްގެ މައްސަލަތައް ބެއްލެވި ޔޫއެސް އެޓާނީ ފޯ ދަ ސަދަން ޑިސްޓްރިކްޓް އޮފް ނިއު ޔޯކް، ޖޮފްރީ ބާމަން މަގާމުން ދުރުކޮށްފި އެވެ.
ރައީސް ޓްރަމްޕް، ބާމަން މަގާމުން ދުރުކުރެއްވީ އޭނާ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުމުންނެވެ.
އެ މައްސަލަ ފެށުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ބާމަން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވި ފަހުންނެވެ. އަދި އެ މަގާމަށް ދެން އައްޔަން ކުރާނީ ފެޑެރަލް ޕްރޮސެކިއުޓަރެއްގެ މަގާމުގައި އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް ކަމަށްވާ ޖޭ ކްލޭޓަންކަން އިއުލާން ކުރެއްވި ފަހުންނެވެ. ކްލޭޓަން އަކީ މިހާރު ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަންގެ ޗެއާމަން އެވެ.
ބާ އެފަދައިން ވިދާޅުވި ފަހުން ބާމަން ނެރުއްވި ބަޔާނެއްގައި އޭނާ ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވަން އުޅޭކަން އެނގިވަޑައިގެންނެވީ އަދި ކިރިޔާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އިސްތިއުފާއެއް ނުދެން އަދި އިސްތިއުފާ ދޭން ނުވެސް އުޅެން. އަޅުގަނޑު އިސްތިއުފާ ދޭނީ ރައީސް މި މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކަށް ސެނެޓުން ރުހުން ދިނުމުން،" ބާމަން ވިދާޅުވި އެވެ.
އެއަށް ފަހު އެޓާނީ ޖެނެރަލް ބާ ވަނީ ރައީސް ޓްރަމްޕްގެ ގާތުގައި ބާމަން މަގާމުން ދުރުކުރުމަށް އެދިލައްވާފަ އެވެ. އަދި ޓްރަމްޕް އެކަމަށް އެއްބަސްވެވަޑައިގެން، އިއްޔެ އޭނާ މަގާމުން ދުރުކޮށްފައިވާ ކަމަށް ބާ ވިދާޅުވި އެވެ.
"ބާމަން އިސްތިއުފާ ނުދެއްވާނެކަން އިއުލާން ކުރެއްވުމުން އަޅުގަނޑު ވަނީ އޭނާ މަގާމުން ދުރުކުރުމަށް ރައީސްގެ ގާތުގައި އެދިފަ، އަދި ރައީސް ވަނީ އޭނާ މަގާމުން ދުރުކޮށްފަ،" އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައިވެ އެވެ.
ބާމަން މަގާމުން ދުރު ކުރަން ނިންމި ސަބަބެއް އެޓާނީ ޖެނެރަލް ވިދާޅުނުވެ އެވެ.
އޭގެ ފަހުން ބާމަން ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިކާން އިއުލާން ކުރައްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވި އިރު އެ ޑިޕާޓްމެންޓުން ދިޔައީ ޓްރަމްޕްގެ ވަކީލު ރޫޑީ ޖޫލިއާނީގެ ވިޔަފާރީގެ މުއާމަލާތްތަކެއް ތަހުގީގު ކުރަމުންނެވެ. އެ މައްސަލަގާއި އަދި ރަސްމީކޮށް ތުހުމަތުތަކެއް ކޮށްފައި ނުވެ އެވެ.
މީގެ އިތުރުން ބާމަން ވަނީ ޓްރަމްޕްގެ ކުރީގެ ވަކީލު މައިކެލް ކޯއެންގެ މައްސަލަ ބެއްލެވުމުގައިވެސް އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. ދެހާސްއަށާރަ ވަނަ ކޯއެން ވަނީ ކެމްޕެއިން ފައިނޭންސް ގަވާއިދުތަކާ ހިލާފުވުމާއި ކޮންގްރެސްއަށް އިތުރުފުޅު ހެއްދެވުމުގެ ދައުވާގައި ތިން އަހަރަށް ޖަލަށް ލާފަ އެވެ.