ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ހިޔާލު ހޯދަން ހުޅުވާލިއިރު އެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމެޓީގައި މިހާރު ދަނީ ދިރާސާތައް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ހުށަހަޅުއްވަން ބޭނުންނަމަ މިމަހުގެ 30 ގެ ކުރިން ކޮމެޓީގެ އީމެއިލް[email protected]އަށް ހުށަހަޅުއްވަން ފުރުސަތު އެބައޮތް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ.

އެ ބިލާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ފުލުހުންނަށް ކުޑައިމީސްކޮށް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ވަކި ވަކި ފުލުހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ދިވެހި ފުލުުހުންނަކީ ދަށްބައެއްގެ ގޮތުގަިއ ސިފަކޮށް ފުލުހުންގެ ބާރުތައް ކުޑަކޮށް ޔުނީފޯމަށް ބަދަލުގެންނަން ޖެހޭ ފަދަ މޭރުމަކުން ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް ޒަމާނީ މުއައްސަސާއަކަށް ބަދަލުކުރަން ބޭނުންވާ އެންމެހާ މައުލޫމާތާއި އިޖުރާތްތައް ބިލުގައި ފުރިހަމަ ވާ ކަމަށެެވެ.

އެ ބިލާ ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވީ އެ ބިލާއެކު ފުލުހުންގެ މުވައްސަސާގެ ކޮންޓްރޫލް މަޖިލީހުގެ 241 ކޮމެޓީއަށް ލިބިގެންދާނެ ކަމަށެވެ. އޭނާ އެކަން ސިފަކުރެއްވީ ސަރުކާރުގެ ބާރުކުޑަކޮށް ބަރުލަމާނީ ނިޒާމެއް ގެންނަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.