21 Jun 2020, 15:08
ލަންޑަން (21 ޖޫން 2020) : އިނގިރޭސިވިލާތުގެ ރަށެއްކަމަށްވާ ރީޑިންގްގައި ރޭ އިރާކޮޅު މަގުމަތިން ވަޅިން ޙަމަލާދީ ތިން މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމް ކޮށްލައިފި އެވެ.
ދަ ޓެލްގްރާފް ނޫސް ބުނާ ގޮތުން ލަންޑަންގެ ހުޅަނގުގެ ރަށެއްކަމަށްވާ ރީޑިންގްގައި ވަޅިޖަހާފައި ވަނީ މަގުމަތީގައި ވަޅިއެއް ހިފައިގެން އެވަޅި މީހުންގެ ގަޔަށް ޖަހައި ޙަމަލާދެމުން ދިޔަ މީހެކެވެ. ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފަ އެވެ.
އެމީހާގެ ޙަމަލާތަކުގައި ވަގުތުން ތިން މީހުން މަރުވެފައިވާއިރު ޒަޚަމްވި އެތައް ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ގޯސްކަމަށް ދަޓެލްގްރާފް ނޫހާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރީޑިންގްގެ ލޯކަލް ކައުންސިލްގެ ރައީސް ޖީސޮން ބްރޫކް ވިދާޅުވީ އެރަށުގެ މަގުމަތީގައި ވަޅިއެއް ހިފައިގެން މީހުންގެ ގަޔަށް ވަޅިޖަހަމުން ދުވި މީހަކީ ނުރައްކާތެރި މީހެއްކަމަށާ އެ ޙާދިސާގެ ބިރުވެރިކަން ވަރަށް ބޮޑުވެގެންދިޔަ ކަމުގައެވެ. ބިރުވެރިކަން ކެނޑުނީ ވަޅި ޖަހަމުންދިޔަ ގާތިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުންނެވެ.
އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޕްރިޓީ ޕަޓޭލް ވަނީ މިހާދިސާއާ ގުޅިގެން ސިހުން ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. ޕަޓޭލް ވިދާޅުވީ އެ ޚަބަރު އެއްސެވީ ޝޮކާއި ކުއްލި ހައިރާންކަމެއްގައި ކަމަށާއި ނަމަވެސް މިހާރު އެކަން ހަމައަކަށް އެޅިފައިވާ ކަމަށާ ހަމައަކަށް އަޅުވަން ފުލުހުން ކުރި މަސައްކަތަށް ޕަޓޭލް ޝުކުރު އަދާކުރައްވާ ކަމުގައެވެ.
އިނގިރޭސިވިލާތުގައި މަގުމަތީގައި އާންމުންނަށް ވަޅިން ހަމަލާދިނުމުގެ ޖަރީމާތައް ދޭތެރެއަކުން ހިންގައެވެ. ނަމަވެސް އެފަދަ ޙަމަލާތަކުގެ ޝިކާރައަކަށް ވާ އެއްބައި މީހުން މަރުވެ އަނެއްބައި މީހުންނަށް އުމުރު ދުވަހަށް ތަހައްމަލް ކުރަންޖެހޭ ވަރުގެ ގެއްލުންތައް ލިބޭއިރު ޙަމަލާ ދޭ މީހުންނާމެދު ބަލަމުން ގެންގޮސްފައިވަނީ ބޯ ހަމަނުޖެހޭ ނުވަތަ މޮޔަ މީހުން ގެ ގޮތުގައެވެ. އަދި އެފަދަ ޙަމަލާތައް ބައެއްފަހަރު ޓެރަރިޒަމްގެ ޙަމަލާތަކުގެ ގޮތުގައިވެސް ސިފަކޮށް އެގޮތަށް މުއާމަލާތް ކޮށްފައިވެއެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެހަމަލާ ކުށްވެރި ކުރައްވައި އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
ރީޑިންގް ގައި ވަޅިން ހަމަލާދީނުމުގެ ޖަރީމާ ހިންގާފައިވަނީ އިނގިރޭސިވިލާތުގެ ދޮން ނަސްލުގެ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. އެމީހާ މިޖަރީމާ ހިންގާފައިވަނީ އިނގިރޭސިވިލާތުގައި ކަޅު ނަސްލުގެ މީހުންގެ ހައްގުތަކާއި ނަސްލީ އިމްތިޔާޒާ ދެކޮޅަށް އަޑުއުފުލުމަށް މީހުން އެއްވާ ސަރަހައްދެއްގައެވެ. އެސަރަހައްދުގައި އަޑުއުފުލަމުންދަނީ "ބްލެކް ލައިވް މެޓާ" (ކަޅު މީހުންގެ ހަޔާތަކީ މުހިއްމު އެއްޗެއް) ގެ ޝިއާރުގެ ދަށުންނެވެ. (ދަ ޓެލްގްރާފް )