31 Dec 2011, 22:06
ށ. މިލަންދޫ ދާއިރާގެ އަތޮޅު ކައުންސިލް ދެ ގޮނޑި އާއި މަތިވެރި ރަށު ކައުންސިލްގެ ގޮނޑި ވެރިކަން ކުރާ އެމްޑިޕީން ކާމިޔާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ށ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަނުގެ ދެ ގޮނޑީގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯދާފައި ވަނީ އެމްޑީޕީގެ މިލަންދޫ ޕާލްސް އަބުދުﷲ އާތިފާއި އެ ރަށު ސިސައިޑް ފިރާގް އިބްރާހީމަށެވެ. އާތިފަށް އަށް ލިބުނީ 1038 ވޯޓެވެ. ފިރާގަށް 977 ވޯޓް އެވެ.
އެ ދެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓުންނާ ވާދަ ކުރީ، ޕީޕީއެމްގެ ކެންޑިޑޭޓް ށ. ނަރުދޫ ޗަމަން މޫސާ ޙުސައިން ފުޅަށް ލިބުނީ 705 ވޯޓެވެ. އަމިއްލަ ގޮތުން ވާދަ ކުރި، ފީވަކު، ބުލޫރެސްޓް އަހުމަދު މަނިކަށް 61 ވޯޓު ލިބުނު އިރު، ފީވަކު، ހުވަނދުމާގޭ އަހުމަދު ރުޝްދީ އަށް ލިބުނީ 619 ވޯޓެވެ.
އއ. އަތޮޅު މަތިވެރި ކައުންސިލްގެ ދާއިރާގެ ބައި އިލެކްޝަނުގައި ކާމިޔާބް ކުރި، އެމްޑީޕީގެ ކެންޑިޑޭޓް މަތިވެރި ނަދުވާ އިސްމާއިލް އާތިފަށް ލިބުނީ 253 ވޯޓެވެ. ޑީއާރްޕީގެ ކެންޑިޑޭޓް މަތިވެރި ނަސީމީ މަންޒިލް މޫސާ ހަސަނަށް 200 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް މިރޭ ވިދާޅުވީ މިއަދު އިލެކްޝަން ހިނގި ގޮތާ މެދު އެއްވެސް ފަރާތަކުން ޝަކުވާ ހުށައަޅާފައި ނުވާ ކަމަށެވެ.
ދާއިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް ވެސް ފުވާދު ވިދާޅު ވިއެވެ.
މިއަދުގެ ބައިއިލެކްޝަން ކާމިޔާބު ކުރި އަބްދުﷲ އާތިފް އާއި ފިރާގު އިބްރާހިމަކީ ކުރިން ވެސް އެ ދާއިރާ ތަމްސީލްކުރައްވަމުން ގެންދެވި ދެ ބޭފުޅުންނެވެ. އެ ދެ މެންބަރުން ވަކިކޮށްފައި ވަނީ ކައުންސިލްގެ ހަތް ބައްދަލްވުމަށް ހާޒިވެފައި ނުވާތީ އަތޮޅު ކައުންސިލުން ފާސްކުރި ގަރާރަކުންނެވެ.
ނަމަވެސް މަތިވެރީ ކައުންސިލްގެ ގޮނޑިއަކީ ކުރިން ޑީއާރުޕިގެ މެންބަރަކު ތަމްސީލްކުރަމުން އައި ގޮނޑިއެކެވެ. މިއަދުގެ އިންތިހާބުން މަތިވެރީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރި އެމްޑީޕީން ނެވެ.