21 Jun 2020, 08:02
ކޮވިޑް-19 އަށް ދިން ލުއި ތަކާއެކު ހަވީރު ގަޑީގައި ގިނަ އަދަދަކަށް ކުޑަކުދީންނާއި ބެލެނިވެރީން އެކީގައި ބޭރަށް ދާ ކަމަށާއި އެއީ ރަނގަޅު އާދައެއް ނޫން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.
ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފުރަބަންދުގެ ލުޔާއެކު ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ހަވީރު 4:00 އިން 6:00 ބޭރަށް ދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެއް ފަހަރާ ގިނަ އަދަދަކަށް ބޭރަށް ނިކުތުން ރަނގަޅު ނޫން ކަމަށް ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ.
"މިސާލަކަށް ބޭރަށް ދިޔުމުގެ ހުއްދަ ދީފައި އޮތް ކަމުގައިވި ނަމަވެސް އެ ކުދިން ބޭރަށް ނެރޭއިރު ވަކި ދުވަސްތަކަކަށް ބަހާލައިގެން ވީހާވެސް ދުވަސްތައް މަދުކޮށް މިގޮތަށް އަމަލުކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން ވަކި ގަޑިތަކަކަށް ބަހާލައިގެން ވަކި އުމުރު ފުރާގެ ބަޔަކަށް ބޭރަށް ނިކުތުމަށް ހާއްސަކޮށްފައިވާ ގަޑިތަކުގައި އެހެން މީހުންވެސް ބޭރަށް ނުކުމެ އުޅޭ ކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް ވަކި އުމުރުތަކުގެ މީހުންނަށް ހާއްސަކޮށްފައި އޮތީ އެއީ މީގެ ބައެެއް ގްރޫޕުތަކަކީ ވަލްނަރަބަލް ނުވަތަ ބަލި ޖެހުމުން ހާލު ދެރަވުމުގެ ފުރުސަތު އިތުރު މީހުންނަށް ރިސްކު ކުޑަކުރުމަށްޓަކައި،" ޑރ. ޝާހިދު ވިދާޅުވި އެވެ.
އެހެންކަމުން ބޭރަށް ނިކުންނަން ހުއްދަ ދީފައި އޮތަސް އެ ހާއްސަކޮށްފައިވާ ވަގުތަށް އެ ހާއްސަކޮށްފައިވާ ފަރާތްތައް ބޭރަށް ނިކުތުމަށް ސަމާލުކަން ދިނުމަށް ޑރ. ޝާހިދު އެދިލެއްވި އެވެ.