21 Jun 2020, 12:05
ދެހާސް އަށްވަަނަ އަހަރު އިންޑިއާގެ މުމްބާއީއަށް ދިން ޓެރަރިސްޓް ހަަމަލާތަކާ ގުޅުން ހުރި ކަމަށް ބުނެ ޕާކިސްތާންއަށް ނިސްބަތްވާ ކުރީގެ ވިޔަފާރިވެރިޔާ ތަހައްވުރު ރަނާ،59، އަނެއްކާ ވެސް އެމެރިކާއިން ހައްޔަރުކޮށްފި އެވެ.
މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާއިން އެކަމަށް އެދި އެގައުމާ އޭނާ ހަވާލުކުރުމަށް އެދުމުންނެވެ.
މުމްބާއީގެ ހަމަލާތަކާ ގުޅިގެން އޭނާ ހުރީ ދިގު މުއްދަތަކަށް ޖަލުގަ އެވެެ. އަދި އޭނާއަށް ކޮވިޑް ޖެހި އިންސާނިއްޔަތުކަމަށް ބަލައި މީގެ ދެ ދުވަސް ކުރިން ވަނީ ޖަލުން ދޫކޮށްލައިފަ އެވެ.
އެސިސްޓެންޓް ޔޫއެސް އެޓާނީ ޖޯޖް ޖޭ ލުލެޖިއާން ކޯޓުގައި ވިދާޅުވީ ރަނާ އިންޑިއާ ސަރުކާރާ ހަވާލުކުރަން އެގައުމުން އެދިފައިވާ ކަމަށެވެ. އިންޑިއާއާ އެމެރިކާއާ ދެމެދު ކުށްވެރިން "ހަވާލުކުރުމުގެ" އެއްބަސްވުމެއް 1997 ވަނަ އަހަރު ވަނީ ހަދައިފައެވެ.
އިންޑިއާއިން ބުނާގޮތުގައި އެގައުމުގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި އުޅުނު ޑޭވިޑް ހެޑްލީ އިންޑިއާއަށް އައުމަށް ފޭކް ޑޮކިއުމަންޓްސް ހަދައިދިނުމުގައި ރަނާގެ އިމިގްރޭޝަން ކުންފުނިން ޝާމިލްވި އެވެ.
ރަނާ އަކީ ކުރިން ޕާކިސްތާނުގެ އާމީގައި ހަރަކާތްތެރިވި ސިފައިންގެ މީހެކެވެ. ނަމަވެސް އޭނާ 1997 ވަނަ އަހަރު ވަނީ ކެނެޑާއަށް ދިރުއުޅުން ބަދަލުކޮށް އިމިގްރޭޝަންއާ ގުޅޭ ވިޔަފާރިއެއް ކޮށްފަ އެެވެ.
އޭނާ އެމެރިކާއިން 2009 ވަނަ އަހަރު ހައްޔަރުކުރީ އިންޑިއާގައި ދިން ހަމަލާތަކުގައި ޝާމިލްވާ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ރަނާ ސީދާ ޝާމިލް ނުވިޔަސް ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ތޮއިބާއަށް އެކި ކަހަލަ މެޓީރިއަލްތައް ތައްޔާރުކޮށްދިން ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވި އެވެ.
އެ މައްސަލައިގައި އޭނާއަށް 14 އަހަރުގެ ޖަލު ހުކުމެއް 2011 ވަނަ އަހަރު އޮތީ އިއްވައިފަ އެވެ. -- އޭޕީ