21 Jun 2020, 08:32
ކޮވިޑް19ގެ ކޭސްތައް ފެންނަވަރު އިތުރުވެ، އަލުން ލޮކްޑައުން އަކަށް ދާން ޖެހުނު ނަމަވެސް ކުރީގެ ޕީކް އަށްވުރެ ދެން އަންނަ ޕީކް ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ކޮވިޑް19 އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑޮމިލަޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދަށް ލުއިދިނުމާއެކު، ކޮންމެވެސް ވަރަކަށް ލޮކްޑައުންގެ ފިޔަވަޅުތައް އަޅަންޖެހުނު ސަބަބުތައް ހަނދާން ނެތޭތަން ފެންނަ ކަމަށެވެ.
"ލޮކްޑައުން އަށް މި ދިން ލުއިތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިތްޕަވާށޭ. އޭރުން އިރާދަ ކުރެއްވިއްޔާ އަލުން ލޮކްޑައުން އަކަށް ދާކަށް ނުޖެހޭނެއޭ. އެގޮތަށް ލޮކްޑައުން ކޮށްގެން އަލުން ޕީކެއް އައި ނަމަވެސް އަޅުގަނޑުމެންގެ އިނިޝަލް ޕީކްސް އަށްްވުރެ ކުޑަވާނެ ކަމަށް ލަފާކުރެވެނީ،" ޑރ ވިދާޅުވި އެވެ.
ކޮވިޑް19 ގެ ކޭހެއް މާލެއިން ފެނުނީ އޭޕްރީލް 15 ވަނަ ދުވަހު އެވެ. ކޮމިޔުނިޓީ ސްޕްރެޑެއް ފެނުނު ފަހުން އެންމެ ބޮޑު ޕީކެއް އައިސްފައިވަނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ. އެދުވަހު 191 ކޭސް ފެނުނެވެ. ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްް ވެފައިވަނީ މެއި 30 ވަނަ ދުވަހު އެވެ. އެއީ 127 މީހުންނެވެ. މެއި 31 ވަނަ ދުވަހު 90 މީހުން ޕޮޒިޓިވް ވި ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުގައި އާންމުކޮށްފައިވާ މައުލޫމާތުން އެނގެ އެވެ.
ކޮވިޑް 19 ގެ ކޮމިޔުނިޓީ ސްޕްރެޑާއެކު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވަނީ މެއި މަހުން ފެށިގެންނެވެ. ފުރަބަންދުގެ ލުއި ދިނުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްދަ އަކާ ނުލާ، ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ބޭރަށް ނިކުމެވޭ ގޮތަށް ވަނީ ލުއި ދީފަ އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝާހިދު ވިދާޅުވީ ލޮކްޑައުން އަށް ލުއި ދިން ނަމަވެސް ވައިރަސް ފެތުރޭ މިންވަރު މޮނީޓާ ކުރަމުންދާ ކަމަށެވެ.
"ފުރަތަމަ ދެ ހަފްތާ އަށްފަހު އެ ވަގުތަށް ފާހަގަ ކުރެވުނު އެޅުނު މެޝާސްތައް ހުރީ ރަނގަޅަށް ކަމަށް،" ޑރ. ވިދާޅުވި އެވެ.
ޑރ. ވިދާޅުވީ ލޮކްޑައުން އަށް ލުއިދެނީ ހާލަތު މޮނީޓާކޮށްގެން ކަމަށާއި ހާލަތު ގޯސްވާނަމަ އަލުން ލޮކްޑައުން އަށް ދާން ޖެހިދާނެ ކަމަށެވެ.
އަލުން ލޮކްޑައުން އަކަށް ދާން ޖެހިއްޖެ ނަމަ ވަގުތު އޮއްވާ އެކަން ކެޕްޗާ ކުރެވޭނެ ކަމަށް ޑރ. އަފްޒަލް މިރޭ ވިދާޅުވި އެވެ.
އިއްޔެ ޕޮޒިޓިވްވި 37 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 2،187 އަށް އަރައިފަ އެވެ.
އިއްޔެ އަކީ އޭގެ ކުރީ ތިން ދުވަހަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. ޖޫން 17 ވަނަ ދުވަހު 26 މީހަކު ޕޮޒިޓިވްވި އިރު 18 ވަނަ ދުވަހު ޕޮޒިޓިވްވީ 17 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވީ 13 މީހުންނެވެ.
ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިދީފަ އެވެ. މިއާއެކު އޮފީސްތަކުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ. އޮފީސްތަކުގެ މުވައްޒަފުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މިންވަރު ދަނީ އިތުރުވަމުންނެވެ.
މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސިންނެވެ.
އިއްޔެ 19 މީހެކު ބަލިން ރަނގަޅުވި އެވެ. ބައްޔަށް ފަރުވާ ދެމުންދަނީ 389 މީހުންނަށެވެ. ޖުމްލަ 1788 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.