31 Dec 2011, 18:03
އިސްތަންބޫލް (ޑިސެމްބަރ 31) : މިދިޔަ ހަފްތާގައި ތުރުކީގެ ވައިގެ ސިފައިންދިން ޙަމަލާތަކެއްގައި ކުރުދީންގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް ތުރުކީ ސަރުކާރުން އެއްބަސްވެއްޖެއެވެ.
އަންކަރާގައި ވާހަކަ ދައްކަވަމުން ތުރުކީ ސަރުކާރުގެ ތަރްޖަމާން ޙުސައިން ޖަލީލީކް ވިދާޅުވީ ޕީ.ކޭ.ކޭ. ހަނގުރާމަވެރިންނަށް ކަމަށް ހީކޮށް ތުރުކީ ސިފައިންނަށް ޙަމަލާދެވުނީ ކުރުދީންގެ ޢާންމުންގެ ބަޔަކަށް ކަމަށާއި މިޙަމަލާތަކުގައި ކުރުދީ ޢާންމުންގެ 35 މީހަކު މަރުވެފައިވާކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ޖަލީލީކް ވިދާޅުވިއެވެ.
ތުރުކީ ސިފައިން މިޙަމަލާތައްދިނީ ޖާސޫސީ މަޢްލޫމާތުތަކުގެ އަލީގައި ކަމަށާއި މަރުވި 35 މީހުންގެ ތެރޭގައި ކުރުދީ ހަނގުރާމަވެރިންގެ މަޢްލޫމާތު ތުރުކީގެ ޖާސޫސީ ފަރާތްތަކަށް ފޯރުކޮށްދޭ މީހެއްގެ ފިރިހެން ދަރިއަކުވެސް ހިމެނޭ ކަންވެސް ޖަލީލީކް ހާމަކުރެއްވިއެވެ.
މިދިޔަ ހަފްތާގައި ތުރުކީގެ ވައިގެ ސިފައިންދިން ޙަމަލާތަކެއްގައި ކުރުދީންގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވި މައްސަލަ ތުރުކީގައިވެސްވަނީ ވަރަށް ނާޒުކު މައްސަލައަކަށް ވެފައެވެ. ޢިރާޤާއި ތުރުކީގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ތުރުކީ ސިފައިން ފައިޓަރ ޖެޓް މަތިންދާބޯޓު ތަކުންދިން މިޙަމަލާތަކާ ގުޅިގެން ތުރުކީގެ ކުރުދީ ދަރިކޮޅުގެ ގިނަބަޔަކުވަނީ އސްތަންބޫލްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައްކޮށް އަޑުއުފުލާފައެވެ.
ތުރުކީގެ ޙަމަލާތަކުގައި މަރުވި ކުރުދީ ޢާންމުންގެ ޢަދަދު 35 ށް ވުރެ ގިނަކަމަށް މިމައްސަލާގައި މުޒާހަރާކުރި މީހުން ބުނެފައިވެއެވެ.
ޢިރާޤާއި ތުރުކީގެ ސަރަޙައްދީ ރޮނގަކީ ތުރުކީގެ ކުރިދީން ދިރިއުޅޭ ސަރަޙައްދުތަކުގައި ޒާތީ ވެރިކަމެއް ޤާއިމްކުރުމަށާއި ތުރުކީގެ ދައުލަތުން ނިގުޅައިގަނެފައިވާ ކުރުދީ ދަރިކޮޅުގެ ރައްޔިތުންގެ އިޖްތިމާޢީ އަދި ސިޔާސީ ހައްޤުތައް ހޯދުމަށްޓަކައި ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޕީ.ކޭ.ކޭ. ޖަމާޢަތުގެ ހަނގުރާމަވެރިންގެ ޖަގަހަތައް އެންމެ ގިނަ ސަރަޙައްދެވެ. ތުރުކީގެ ޙަމަލާތަކަކީ ކުރުދީ ޢާންމުންނާ ދެކޮޅަށް ތުރުކީ ސަރުކާރުން ހިންގި ޤަތްލު އާންމެއް ކަމަށް ޕީ.ކޭ.ކޭ. ންވަނީ ތުހުމަތުކޮށްފައެވެ.
ތުރުކީގެ ޙަމަލާތަކުގައި ކުރުދީންގެ ޢާންމުން މަރުވި މައްސަލަ ތަޙްޤީޤް ކުރައްވާނެ ކަމަށް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)