ރާއްޖެއިން މިއަދު 37 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި 19 ދިވެހިންނާއި ބަންގްލަދޭޝްގެ 12 މީހުން އަދި އިންޑިއާގެ ހަ މީހަކު ހިމެނެއެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 2،187 އަށް އަރައިފައެވެ.

މިއަދު ރާއްޖެއިން ބަލިން ރަގަޅުވެފައިވަނީ 19 މީހެކެވެ. ބައްޔަށް ފަރުވާ ދެމުންދަނީ 389 މީހުންނަށެވެ.

މިއަދަކީ ފާއިތުވި ތިން ދުވަހަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. ޖޫން 17 ވަނަ ދުވަހު 26 މީހަކު ޕޮޒިޓިވްވި އިރު 18 ވަނަ ދުވަހު ޕޮޒިޓިވްވީ 17 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވީ 13 މީހުންނެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިދީފައެވެ. މިއާއެކު އޮފީސްތަކުގެ މަސައްކަތްތައް ވަނީ ފަށައިފައެވެ. އޮފީސްތަކުގެ މުވައްޒަފުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސިންނެވެ.