މިހާރު މާލެއިން ފެންނަ މަންޒަރުތަކުން ކޮވިޑް-19 އިތުރަށް ފެތުރުން ގާތް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ފުރަބަންދު އިއުލާނުކޮށް ގިނަ ދުވަސްތަކެއް ވަންދެއް ބޭއްވުމަށްފަހު ދާދި ފަހުން ވަނީ ފުރަބަންދަށް ބޮޑެތޮ ލުއިތަކެއް ދީފައެވެ. އެއާއެކު މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ މީހުން ބޭރަށް ނިކުމެ އުޅޭ މަންޒަރުތައް ވަނީ ފެންނަން ފަށާފައެވެ.

މިރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ޑރ. ލަތީފް ވިދާޅުވީ ފުރަބަންދު ލުއި ކުރުމާއެކު މާލެއިން ފެންނަނީ ވަރަށް ގިނަ މީހުން އެއްވާ މަންޒަރު ކަމަށެވެ. އޭގެ ސަބަބުން ކޮވިޑް-19 އިތުރަށް ފެތުރުމަކީ ވަރަށް ގާތް ކަމެއް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވައިރަސް މިގޮތަށް ފެތުރިއްޖެއްޔާ އަނެއްކާވެސް ޖެހިދާނެ މާލެ ލޮކްޑައުން އަކަށް ގެންދަން،" ޑރ. ލަތީފު ވިދާޅުވިއެވެ.

އެހެންކަމުން ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ އެދުމަކީ ކޮންމެހެންވެސް މަޖުބޫރު ކަމެއްގައި ނޫނީ ބޭރަށް ނުދިޔުން ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. އަދި އެންމެ ބޮޑު އެދުމަކީ ގޭގައި މަޑުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން 37 މީހަކު ވަނީ ކޮވިޑަށް ޕޮސިޓިވްވެފަ އެވެ.