20 Jun 2020, 21:36
މާދަމާ ހިފާ އިރު ކޭތައާ ގުޅިގެން މާދަމާ ހެނދުނު 10:30 ގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ.
މާދަމާގެ ހެނދުނުގައި އާދަޔާ ހިލާފު އިރުކޭތައެއް ހިފާނެ ކަމަށް ވަނީ ކުރީން ބުނެފައެވެ. އެގޮތުން އާދަޔާ ހިލާފު "ރިންގް އޮފް ފަޔާ" ކޭތަ ފަނޑުކޮށް އޭޝިއާ އަށާއި އެފްރިކާއަށް ފެންނާނެ ކަމަށް ފަލަކީ އިލްމުވެރީން ވަނީ ލަފާކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ މާދަމާގެ އިރުކޭތަ ހިފަން ފަށާނީ ހެނދުނު 09:40 ހާއިރު ކަމަށެވެ. އަދި ކޭތަ ހިފާފައި އެންމެ ބޮޑަށް ހުންނާނީ 10:51 ގައި ކަމަށާއި ކޭތަ ވީއްލާނީ މެންދުރު 12:14 ގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައިވެއެވެ.
ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވީނަމަވެސް މާލެ ސިޓީ ސަރަހައްދުގައި ކޭތަ ނަމާދެއް ނުކުރާނެއެވެ. މާލެ ސަރަހައްދު ފުރަބަންދެއްގައި އޮތުމުން ކޭތަ ނަމާދެއް ނުކުރާނެއެވެ.
ކޮވިޑް-19 ގެ ކޭސްތައް މަދުވެ މާލެ ސިޓީގެ ފުރަބަންދަށް ވަނީ ދާދި ފަހުން ލުއިތަކެއް ގެނެސްފައެވެ. އެގޮތުން ޖަމާއަތުގައި ނޫންގޮތަށް ނަމާދު ކުރުމަށް މިސްކިތް ހުޅުވަމުންދާއިރު އަދިވެސް މާލޭގައި ޖަމާއަތުގައި ނަމާދެއް ނުކުރެވޭނެއެވެ.