20 Jun 2020, 20:22
މޯލްޑިވްސްް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކަރެކްޝަންސް އިން ބުނީ މާލޭ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރަކު މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެ ސާވިސް އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އެގޮތުން، އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މިދިއަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މިއަދު ވަނީ ކްރިމިނަލް ކޯޓުގެ ކޯޓު އޮފިސަރަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ރޭގެ 6:00 އާއި ހަމައަށް ރާއްޖެއިން ޖުމްލަ 2،150 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. 1،769 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އަށް މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.