20 Jun 2020, 19:26
ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެނގިފައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ ކޯޓުގައި މަސައްކަތް ކުރާ ލީގަލް އޮފިސަރެކެވެ. އަދި މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ އެ މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓްވީ މީހުން މިވަގުތު ހޯމް ކަރަންޓީނުގައި ތިބުމަށެވެ.
މީގެކުރިން ލޮކްޑައުނަށް ލުއި ނުދޭއިރު އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު ޝަރީއަތްތައް ކުރިއަށް ގެންދަނީ ކޯޓުގަ އެވެ. މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ދެން ޝާރީއަތް ކުރިއަށް ގެންދާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.
މިދިއަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެއާ ގުޅިގެން މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރި ކުރި އެވެ. އަދި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 2،150 މީހުން ވަނީ ޕޮޒިތިވް ވެފައެވެ. 1،769 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އަށް މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.