ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރުމުގެ ފުރުސަތު ދިނުމަށް ރައްޔިތުން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އާންމު ކޮމެޓީ ބައްދަލުވުމުގައި ޕީޕީއެމް އަށް މަޖިލީހުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށް ފާސްކޮށް މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނައުމަށް ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ''ކޮމެޓީގެ މަރުހަލާ ނިމުމަށް ފަހު ގެނައުމުން އެކަން ވާނީ މަޖިލީހުގެ ހުރިހާ މެންބަރުނަށް އެކަން އަންގަވާފައި'' ކަމަށެވެ.

އަމީން އާންމު ވިދާޅުވީ އެ މައްސަލަ އެޖެންޑާ ކުރައްވާނީ ދެން އަލުން މަޖިލިސް ހުޅުވުމުން ކަމަށެވެ.
ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީނު އަލީ އާއި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުޙަންމަދު ޞާލިޙް ވެސް ހިމެނިވަޑައިގަންނަވާ ކޮމެޓީން އެ މައްސަލަ ނިންމި އިރު، ޕީޕީއެމް އަށް މަޖިލީހުގައި ތަމްސީލު ނުކުރެވިގެން އެ ޕާޓީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އޭނާ ތަމްސިލު ކުރައްވާ ގޮނޑިން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ޕީޕީއެމްގެ ނަމުގައި އެ ގޮނޑިއަށް ކުރިމަތި ލެއްވުމަށް ނިންމަވައިފަ އެވެ.