ދިވެހިން ޒަމާނުއްސުރެ ގަބޫލު ކުރަމުން އައި "މެދުމިނުގެ" ސިޔާސަތު ގަބޫލުކުރާ ނަމަ ރިސޯޓްތަކުގެ ސްޕާތައް ހުޅުވުމަށް ހުއްދަ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވިއުގައި ޒުލްފާ މިއަދު ވިދާޅުވީ މެދުމިނުގެ ސިޔާސަތެއް ގެންގުޅެގެން ނޫނީ ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރި ނުކުރެވޭނެ ކަމަށާއި ނަމަވެސް ގިނަ ބަޔަކު ނިކުމެ ސްޕާތައް ބަންދުކުރަން ސަރުކާރުގައި އެދުމުން އެކަމަށް އިޖާބަދިނުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވެފައި މި ހުންނަނީ. ވަރަށް ގިނަ ބަޔަކު ގުޅާފައި ކެންޝަލޭޝަންތައް އަންނަ ވާހަކަ އެބަބުނޭ. ވަރަށް ނޭދެވޭ އަސަރުތައް ކުރޭ. ޓޫރިޒަމްގެ ކުރިމަގަށް ބޮޑަތި ގުޑުންތަކެއް އަންނާނެ ކަމަށް ވިދާޅުވަމުން އެބަގެންދަވާ. ދެން އަޅުގަނޑުމެން ވެސް މި ދަންނަވާ ވާހަކައަކީ ހުރިހާ ބޭފުޅުން ވެސް މި ކަމުގައި އެއްބާރުލުން ދެއްވައިގެން މެދުމިނުގެ ސިޔާސަތުކަން ގަބޫލުކުރެވިގެން ނޫނީ ކަންތައްތަކެއް ކުރރިއަކަށް ނުގެންދެވޭނެ،" ޒުލްފާ ވިދާޅުވި އެވެ.

މަދަނީ އިއްތިހާދުންނާއި ސިޔާސީ ޕާޓީތަކުން ބޭއްވި "ބޮޑު މުޒާހަރާ" ސުޕާތައް ބަންދުކޮށް އަދި ރާ ވިއްކުން މަނާކުރަން ޑީމާންޑް ކުރި ކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި އިގްތިސޯދު ރަނގަޅަށް ގެންދަން ބޭނުން ނަމަ މަދަނީ އިއްތިހާދުން ވެސް މެދުމިނުގެ ސިޔާސަތު ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

"ޓޫރިޒަމަށް ގެއްލުންވާނެ ކަން އެގުނު ނަމަވެސް އެކަމަށް އިއްތިހާދުގެ ފަރާތުން ވެސް އެކަން ގަބޫލުކުރަންވަން ޖެހޭނެ ދެއްތޯ. އެކަން ގަބޫލުކުރައްވައިގެން ޑިމާންޑް ކުރައްވައިގެން ނުވާނެ ކަމުގައި އެބޭފުޅުން ވެސް ޖެހޭނީ ގަބޫލުކުރައްވަން. މެދުމިނުގެ ސިޔާސަތަކަށް އަޅުގަނޑުމެން އެންމެން ތާއީދު ކޮށްގެން ނޫނީ އިގްތިސޯދު ބުރޫ ނާރާނެ ގޮތަކަށް ކަންކަން ބައްޓަން ނުކުރެވޭނެ ކަމަށް އެބޭފުޅުން ޖެހޭނީ އެންމެ ފުރަތަމަ ގަބޫލުކުރައްވަން،" ޒުލްފާ ވިދާޅުވި އެވެ.

އިއްތިހާދުގެ ބައެއް ޑިމާންޑްތަކަށް ފާޑުވިދާޅުވަމުން ޒުލްފާ ވިދާޅުވީ މިހާރު ފަޅުކޮށްފައި ހުރި ތަންތަން ފަޅު ނުކުރުމަށް ނިންމުމާއި ޓޫރިސްޓުން ގޮވައިގެން އަންނަ އިޒްރޭލުގެ ފްލައިޓެއް ނުޖެއްސޭ ގޮތަށް ހަމަޖެއްސުމަކީ އިންސާފެއް ނޫން ކަމަށާއި ހުރިހާ އެންމެނާ މެދުވެސް ހަމަހަމަކޮށް އަމަލުކުރެވެން ޖެހޭނެ ކަމަށެވެ.

"މިހާރު ފަޅުކޮށްފައި ހުރި ތަންތަން ވެސް އަލުން އިއާދަކުރަންވިއްޔޭ އެބޭފުޅުން ދަންނަވަނީ. އެކަމަކު މިއީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ނޫންތޯ؟. އަނެއްކާ އިޒްރޭލުގެ ފްލައިޓް ޖެއްސުން، ކޮން ގާނޫނެއްގައިތޯ އޮތީ ވަކި ގައުމެއްގެ ވަކި ބަޔެއްގެ ފުލައިޓް ޖެއްސުން މަނާކުރަން. ނޫނީ ވަކިބަޔަކަށް ވަކި ގޮތަކަށް ކަންތައްތަކުރަން. އިއްތިހާދުން އެހެން ވިދާޅުވިޔޭ ކިޔާފައި ކިހިނެއްތޯ އަޅުގަނޑުމެންނަށް އިޖާބަ ދެއްވެން އޮތީ. ކިހިނެއްތޯ ސަރުކާރުން އެހެން އިޖާބަ ދޭނީ." ޒުލްފާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި ރާ ވިއްކުން ފަދަ ޓޫރިޒަމާ ގުޅުން ހުރި ހިޔާލުތަފާތުވެފައިވާ ކަންތައްތަކުގައި ދީނީ އިލްމުވެރިންގެ މަހާސިންތާ އިން ގޮތްތަކެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.