20 Jun 2020, 13:53
ކޮރޯނާ ވައިރަހާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރު އިއުލާން ކޮށްފައި ވާތީ، އިހުތިޖާޖުތަކާއި އެހެން ވެސް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
"ނަވާނަވައި"ގެ ނަމުގައި ހަރަކާތްތެރިވާ ވާތުފިޔައިގެ ޖަމްއިއްޔާއަކުން ވަނީ، ރައްޔިތުންގެ މަޖިލިސް "ހޭލައްވާލަން" މި ނަމުގައި އަންނަ ހޯމަ ދުވަހު މަޖިލިސް އިދާރާ ކައިރީ މުޒާހަރާ ކުރުމަށް ނިންމައިފަ އެވެ.
އެ އިހުތިޖާޖުތަކަށް އިޝާރާތްކޮށް ފުލުހުންގެ ރަސްމީ ޓުވީޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އާންމު ސިއްހަތުގެ ކުއްލި ހާލަތުގެ މި ދަނޑިވަޅުގައި، ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައިވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށެވެ.
އެގޮތަށް ބާއްވާ އެއްވުންތަކަކީ ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފައިވާ އެންގެވުމާ ހިލާފަށް ބާއްވާ އެއްވުމެއްކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
"އެހެންކަމުން އާންމު ސިއްހަތުގެ ކުއްލި މި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ބޭފުޅުންވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކުރަމެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
ނަވާނަވައިން މުޒާހަރާ ކުރަނީ ކުލި ނުދެއްކިގެން އާއިލާތައް މަގުމަތި ކުރުން ހުއްޓުވުމަށާއި، ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށާއި، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަމަށަވަރު ކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި، އިންކަމް ސަޕޯޓު އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުން އަވަސް ކުރުމަށެެވެ.