20 Jun 2020, 12:42
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް (ޑީޖީ) މައިމޫނާ އިއްޔެ ކުޑަ ވަގުތުކޮޅަކަށް އެޑްމިޓް ކުރި ކަމަށާއި ހާލު ރަނގަޅު ކަމަށް އެންއޯއީސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
މައިމޫނާ އާލާސްކަންފުޅާ އުޅުއްވާތީ އެޑްމިޓް ކުރި ކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން މަބްރޫކު ވިދާޅުވީ، މައިމޫނާގެ މާ ސީރިއަސް ކަމެއް ނެތް ކަމަށާއި އިއްޔެ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
"ޑީޖީގެ ހާލު ރަނގަޅު. ކޮވިޑާ ގުޅުން ހުރި ކަމެއް ނޫން. އިއްޔެ ކުޑަވަގުތުކޮޅަކަށް އެޑްމިޓް ކުރުމަށްފަހު ވަނީ ދޫކޮށްލާފައި،" މަބްރޫކު ވިދާޅުވި އެވެ.
މައިމޫނާގެ ޒާތީ މައުލޫމާތުތަކަަށް ވާތީ މިކަމާ ގުޅޭ އިތުރު ތަފްސީލު މަބްރޫކު ހާމައެއް ނުކުރައްވަ އެވެ.
މައިމޫނާއަކީ، އާންމު ސިއްހަތު ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާތީ، މި މުއްދަތުގައި އެންމެ މުހިންމު ނިންމުންތައް ނިންމާ އިސްފަރާތެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ވައިރަސް ވަރަށް ބޮޑަށް ވަނީ ކޮންޓްރޯލްކުރެވިފަ އެވެ. އެގޮތުން މިހާތަނަށް 2،150 މީހުނަށް ވައިރަސް ޖެހުނު އިރު، 82 ޕަސަންޓް މީހުން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. މިހާރު ރާައްޖެއިން މި ބަލީގައި ފަރުވާ ދެމުން އަންނަނީ، 384 މީހުންނަށެވެ. ދުވަހެއް ދުވަހަށް ފެންނަ ކޭސްތައްވެސް ނިސްބަތުން ވަނީ މަދުވެފަ އެވެ.