ކޮވިޑް-19 އަށްފަހު ދުނިޔޭގެ ބައެއް ގައުމުތައް ހުޅުވާލަމުންދާއިރު، ޖަރުމަނު ސަރުކާރުން، ވައިރަސްގެ ނުރައްކާ އޮތް ސަރަހައްދުތަކުގެ ގޮތުގައި ބަލާ ސަރަހައްދުތަކުގެލިސްޓުގައިރާއްޖެ ނެތުމުން ރާއްޖެއަށް އުންމީދު އާވެއްޖެ އެވެ.

އެ ލިސްޓާއެކު ކުރެއްވި ޓްވީޓެއްގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވާ ކަމަށް ފާހަގަކުރައްވާފަ އެވެ.

އޭގެއިތުރުން ރާއްޖެއަކީ އެ ލިސްޓުގައި ހިމެނިފައި ނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި މި ސަރަހައްދުގައި އެ ލިސްޓުގައި ހިމެނިފައި ނުވާ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ވެސް އަލީ ވަހީދު ފާހަގަކުރައްވާފައިވެ އެވެ.

ޖަރުމަނުން އާންމުކޮށްފައިވާ ލިސްޓުގައި 131 ގައުމު ހިމެނެ އެވެ. އޭގެތެރޭގައި ޔޫރަޕިއަން ޔޫނިއަންގައި ހިމެނިފައި ނުވާ ގައުމުތަކުގެ ތެރެއިން ޖަރުމަނުގެ މީހުން އާންމުކޮށް ދަތުރުކުރާ މަންޒިލުތައްވެސް ހިމެނެ އެވެ. އޭގެއިތުރުން އެމެރިކާގެ ބައެއް ސްޓޭޓްތައްވެސް ވަނީ އެ ލިސްޓުގައި ހިމަނާފަ އެވެ.

ޖަރުމަނުގެ ލިސްޓުގައި ފާހަގަކޮށްފައިވާ ނުރައްކާ ހުރި ގައުމުތަކުން ޖަރުމަނަށް މީހަކު ވަންނަ ކަމުގައިވާނަމަ އެމީހެއް 14 ދުވަހުގެ ކަރަންޓީނެއް ހޭދަކުރަން ޖެހޭނެ ކަމަށް އެގައުމުން ބުނެ އެވެ.

ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ ތެރެއިން ނުރައްކަލެއްގެ ގޮތުގައި ޖަަރުމަނު ސަރުކާރުން ކަނޑައަޅާފައިވާ ހަމައެކަނި ގައުމަކީ ސްވިޑެން އެވެ. ސަބަބީ ދާދި ފަހުން ސްވިޑެން އިން ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނިފައި ވުން ކަމަށް ޖަރުމަނުން ބުނެ އެވެ.