ރިސޯޓްތަކުގެ ސުޕާތައް ބަންދުކޮށް ރަލާއި އޫރުމަސް މަނާކުރަން ސަރުކާރުން ވިސްނަންފެށި ފެށުން ބައިނަލްއަގުވާމީ މީޑިޔާތަކުގެ ސަމާލުކަން ހުއްޓިއް އެ ވާހަކަ ފަލަ ސުރުހީތަކުން ޖާގަ ހޯދަން ފަށައިފި އެވެ.

ނަން މަޝްހޫރު ނިއުސް އެޖެންސީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން 23 ޑިސެމްބަރުގެ ބޮޑު މުޒާހަރާގެ ސަބަބުން ރިސޯޓުތަކުގެ ސްޕާތައް ބަންދުކުރުމަށް ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ. އޭގެ ސަބަބުން ޓޫރިޒަމްގެ ވިޔަފާރިއަށް މިހާރު ވެސް ގެއްލުންވާ ފަށާފައިވާ ކަމަށް އިންވެސްޓަރުންނާ ހަވާލާދީ ބީބީސީ ބުނެ އެވެ.

އަދި ބުނަނީ އަދާލަތު ޕާޓީން އިސްވެ ތިބެ މާލޭގައި ކުރި މުޒާހަރާއަކީ ސުޕާތަކުގައި ހަށިވިއްކާ ކަމަށް ބުނެ އެކަންކަން ހުއްޓުވުމަށް ކުރި މުޒާހަރާއެއް ކަމަށެވެ.

ރޮއިޓާސްގައި ވެސް އެ ހަބަރު މިހާރު ވަނީ ރިޕޯޓްކޮށްފަ އެވެ. ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބުނަނީ އެއީ އަދާލަތުން އިސްވެ އޮވެ ކުރި މުޒާހަރާގައި އެ ފަރާތުން ސަރުކާރަށް މަޖުބޫރުކޮށްފައިވާ ކަމެއް ކަމަށެވެ.

މި ސަރަހައްދުގެ ނަން ހިނގާ ނޫސްތައް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނާ ގޮތުން އެފަދަ ޑިމާންޑްތަކެއް ކުރި މުޒާހަރާއެއް ރާއްޖޭގެ ރައްޔިތުން ބޭއްވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އެމްބެސެޑަރު ނަވަނަތަމް ޕިއްލޭ ރާއްޖެ ވަޑައިގެން އަންހެނުން ގައިގާ ހައްދުޖެހުމާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

ގިނަ ބަޔަކު ބައިވެރިވި އެ މުޒާހަރާގައި ސުޕާތައް ބަންދު ކުރުމަށް ސަރުކާރަށް ގޮވާލި ކަމަށް ވެސް އެ ނޫސް ބުނެ އެވެ. އަދި އޭގެ ސަބަބުން ރާއްޖެއާ މެދު އިންވެސްޓަރުން ދެކޭ ގޮތް ބަދަލުވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ ހުރިހާ ނޫސްތަކެއްގައި ވެސް ބުނަނީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މަސައްކަތް ކުރައްވަނީ "މެދުމިނުގެ" ސިޔާސަތެއް ގާއިމްކުރުމަށް ކަމަށާއި ސަރުކާރުން އެކަމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެ.