20 Jun 2020, 07:34
އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ހަޔާތުގެ މައްޗަށް ހަދާ އާ ފިލްމެއް ތައްޔާރުވަމުން އަންނައިރު އެ ފިލްމުގައި ޑަޔާނާގެ ރޯލު ކުޅެން ޒުވާން ބަތަލާ ކްރިސްޓެން ސްޓްވާޓް، 30، އަށް ހުށައަޅައިފި އެވެ.
"ޓްވައިލައިޓް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ބަތަލާ ކްރިސްޓެން އެ ފިލްމުގެ ލީޑު ރޯލު ކުޅޭއިރު މި ފިލްމު ޑައިރެކްޓްކުރަނީ ޕަބްލޯ ލެރައިނެވެ. މި ފަހަރުގެ ޑަޔާނާގެ ވާހަކަ ކިޔައިދޭ ފިލްމުގައި ގެނެސްދޭނީ ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ނާކާމިބު ކައިވެނީގެ ހަޔާތުގެ ވާހަކަ އެވެ.
ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސް 1981 ގައި ކުރެއްވި ކައިވެނި ނިމުމަކަށް އައީ 1992ގަ އެވެ.
ޑަޔާނާގެ ހަޔާތަށް ފިލްމެއް ހަދަން އުޅޭކަން އިއުލާންކުރި ނަމަވެސް އެ ފިލްމުގެ އިތުރު ކާސްޓުން އަދި ހާމަކޮށްފައެއްނުވެ އެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނެ ތާރީހާއި ފިލްމުގެ ނަން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ. ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް އަންނަ އަހަރު ކުރީކޮޅު ފަށާނެކަމަށް ބައެއް ހަބަރުތައް ބުނެ އެވެ.
ޗާލްސް އާއި ޑަޔާނާއަށް ލިބިލެއްވީ ދެ ފިރިހެން ދަރިކަލުންނެވެ. އެއީ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް އެވެ.