ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕާކުކޮށްފައި އޮތް ޖެޓެއް ޓޯކުރަން އުޅެނިކޮށް އެހެން ޖެޓެއްގައި ޖެހި އެއް ބޯޓްގެ ފިޔަގަނޑު ބިދިއްޖެ އެވެ.

އެކަން ވަނީ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ވެސް ކަށަވަރުކޮށްދީފަ އެވެ.

އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރު ފާތުމަތު ރާމިޒާ މިއަދު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ތަފުސީލް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ދިން އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދު 12:40 ހާކަންހާއިރު ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރީ ޖެޓްތައް ޕާކްކޮށްފައި ހުންނަ ތަނުން ޖާގަ ހޯދުމަށް އެއް ބޯޓް ޓޯކުރަނިކޮށް ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގި އިރު އެއިން ޖެޓެއްގެ މީހަކު ނެތެވެ އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެސް ނުވެ އެވެ.

ކަނާތް ފަރާތު މައި ފިޔަގަނޑު ބިނދުނީ، ސަން އަށް އެނގިފައިވާ ގޮތުގައި، އިނަމޯލްޑިވްސްގެ އޭޖެންޓް ކަމުގައި ރާއްޖެ އައިސް އޮތް ޖެޓެކެވެ. އަނެއް ޖެޓަކީ ގެޓިން ޓު މޯލްޑިވްސްގެ އޭޖެންޓް ކަމުގައި އޮތް ބޯޓެކެވެ.

އެތަނުން އެއް ބޯޓް ރާއްޖެ އައިސް ފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އަނެއް ބޯޓް އައިސްފައި ވަނީ ފަސް ދުވަސް ކުރިންނެވެ.

ޖީއެމްއާރުގެ މީޑިއާ ކޯޑިނޭޓަރު މަހީކާ ޗަންދުރަސޭނާ ވިދާޅުވީ ޖެޓް ޕާކްކޮށްފައި އޮތް ތަނުން އަނެއް ތަނަށް ބަދަލު ކުރުމުގެ ތެރޭގައި ދެ ބޯޓްގެ ފިޔަގަނޑު ޖެހި އެއް ބޯޓުގެ ފިޔަގަނޑަށް ގެއްލުން ވެފައިވާ ކަމަށެވެ. ނަމަވެސް އެއީ މާ ބޮޑު އެކްސިޑެންޓެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.