19 Jun 2020, 17:31
ވޮޝިންޓަން(19 ޖޫން 2020) --އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިން ޕާޓީން އެދޭގޮތަށް މެއިލް މެދުވެރިކޮށް ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވައިފިނަމަ ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިދާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އޭނާއަށް ނާކާމިޔާބާއީ ކުރިމަތިލާން ޖެހޭނީ އެންމެ ހާލަތެއްގައި ކަމަށާއި އެއީ އިދިކޮޅު ޑިމޮކްރެޓިން ޕާޓީން އެދޭގޮތަށް މެއިލް މެދުވެރިކޮށް ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފިނަމަ އެވެ.
ޓްރަމްޕް ވިދާޅުވީ އިދިކޮޅު ޑިމޮކްރެޓުންނަކީ އޮޅުވާލުމާއި މަކަރުހެދުމުގައި ލާމަސީލު ބައެއް ކަމަށާއި މެއިލް މެދުވެރިކޮށް ވޯޓުލާނަމަ، ނަތީޖާ އޮޅުވާލަން ޑިމޮކްރެޓުން ގިނަ ކަންތައްތަކެއް ކުރާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ރައްޔިތުންގެ ވަޒީފާތައް ގެއްލި އިގްތިސާދު ހީނަރުވަމުން ދިޔަ ނަމަވެސް އެމެރިކާގެ ރައްޔިތުން އޭނާގެ އަގުވަޒަން ކުރާ ކަމަށާއި ރިޔާސީ ދެވަނަ ދައުރަކަށް އޭނާ އިންތިހާބު ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ނަސްލީ އިމްތިޔާޒުގެ މައްސަލަތަކާ ގުޅިގެން އެމެރިކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ އެއީވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އޭނާއަށް ހުރަސްއެޅޭނެ ކަމެއް ނޫންކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އިދިކޮޅު ޑިމޮކްރެޓިން ޕާޓީގެ ފަރާތުން އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓު ޖޯ ބައިޑެން އަކީ ރައްޔިތުންގެ ކުރިމަތީގައި މަގުބޫލު ބޭފުޅެއް ނޫންކަމަށެވެ.
"ބައިޑެން ގެ މަގްބޫލުކަން އަހަރެން 2016 ވަނައަހަރު ވާދަކުރި ހިލަރީ ކްލިންޓަނަށްވުރެވެސް ކުޑަވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ފާއިތުވި ދެ މަސްތެރޭގައި އެމެރިކާގައި ނަގާފައިވާ ހިޔާލު ހޯދުމުގެ ހުރިހާ ވޯޓުތަކަކުން (ސާވޭތަކުން) ދައްކާފައިވަނީ ބައިޑެން އަށްވުރެ ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި ކުޑަކަމެވެ. މޭމަހު ގެ ކުރީކޮޅު ކުރި ސާވޭއެއްގައި ޓްރަމްޕަށްވުރެ ބައިޑެންގެ މަގްބޫލުކަން ހަތަރު ޕޮއިންޓް މަތީގައި ހުރިއިރު ޖޫންމަހު ކުރި ސާވޭއެއްގައި ޓްރަމްޕްގެ މައްޗަށް އަށް ޕޮއިންޓްގެ ފަރަގަކުން ބައިޑެން ވަނީ ކުރި ހޯއްދަވާފަ އެވެ.
އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ނާކާމިޔާބުވެ އެރޯގާގެ ކުރިމަތީގައި އެމެރިކާގެ ސިއްހަތާބެހޭ ނިޒާމު މުޅިން އިނދަޖެހި އެއްލައްކައަށްވުރެ ގިނަ މީހުން އެ ރޯގާގައި މަރުވެ އަދިވެސް އެރޯގާ ކޮންޓްރޯލް ނުވާއިރު އެމެރިކާ ރައްޔިތުންގެ ފުރާނަތައް ސަލާމަތް ކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަދި ކޮވިޑް އާ ކުރިމަތިލެވޭ ފަދަ ގައުމީ ސްޓްރެޓެޖީ އެއް ޓްރަމްޕްގެ ސަރުކާރަށް އެކަށައެޅިފައެއް ނުވާކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
މީގެއިތުރުން އެމެރިކާ ފުލުހުން އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލައާއި ހާއްސަ ފުލުހުން ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި އެމެރިކާގެ މުޖުތަމައު ބައިބައިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްވެސް ޓްރަމްޕްގެ ސަރުކާރަށް ކަމެއް ކުރެވިފައެއް ނުވެ އެވެ.
މި ހައްސާސް ދަނޑިވަޅުގައި އެމެރިކާގެ ގައުމީ އެއްބައިވަންތަކަން ދަމަހައްޓައި ވަހުދަތު ނެގެހެއްޓުމުގައި ޓްރަމްޕް ނާކާމިޔާބުވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި ޓްރަމްޕްގެ ސިޔާސަތުތަކާއި ބަސްމަގު ހުންނަނީ އެމެރިކާ ބައިބައިކޮށް އެއްބައިވަންތަކަން ނަގާލައި ދޮން ނަސްލުގެ ހަރުކަށި ފަރާތްތައް ރުއްސުމަށް ކަމަށް އެމެރިކާގެ ހަރުކުލައިގެ ސަހުސިއްޔަތުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ޓްރަމްޕުގެ އަމަލުތައް ހުންނަގޮތުން އޭނާއަށް ވޯޓު ނުދޭނެކަމަށް ވިދާޅުވެ އެމެރިކާގެ ސިފައިންގެ ވެރިކަމާއި ހާރިޖީ ވަޒީރުކަމާއި ދިފާއީ ވަޒީރުކަން ފަދަ އިސް މަގާމުތައް ކުރިން އަދާކުރައްވާފައިވާ ރިޕަބްލިކަން ޕާޓީގެ ބައެއް ހަރު މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.
ކޮލިން ޕަވަލް އާއި ޖޭމްސް މެޓިސް އަދި ކޮންޑަލީޒާ ރައީސް އާއި ޖޯޖްޑަބްލިޔުބުޝް ފަދަ ބޭފުޅުންވަނީ ޓްރަމްޕް އެދިވަޑައިގަތުމުން ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ވެސް ދެކޮޅު ހައްދަވައި ޓްރަމްޕް ރިޕަބްލިކަން ޕާޓީ އާއި އެމެރިކާގެ އަގު ދުނިޔޭގެ ކުރިމަތީގައި ވައްޓާލައްވާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އިދިކޮޅު ޑިމޮކްރެޓިން ޕާޓީން ވޯޓު އޮޅުވާލަފާނެ ކަމަށް ޓްރަމްޕް ވިދާޅުވިއިރު ޑިމޮކްރެޓިން ޕާޓީގެ ފަރާތުން ޓްރަމްޕާ ވާދަކުރައްވާ ކެންޑިޑޭޓް ޖޯ ބައިޑެންވަނީ ކޮންމެ ގޮތަކަށް އިންތިހާބު ބޭއްވި ނަމަވެސް ވޯޓަށް ނުފޫޒު ހިންގަން ޓްރަމްޕް މަސައްކަތް ކުރައްވާނެކަމަށް ތުހުމަތު ކުރައްވާފަ އެވެ. (ނޫސް އެޖެންސީތައް)