19 Jun 2020, 14:11
ކޮވިޑް19 ގެ އާ އާންމު ހާލަތުގައި ޖިމްތައް ހުޅުވާލާއިރު ހިދުމަތްދޭންވާނީ އެޕޮއިންޓްމެންޓަށް، ވަކި ޝެޑިއުލެއްގެ ދަށުން ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ވަނީ ކޮވިޑް19 އާއި ގުޅިގެން ޖިމް އަދި ފިޓްނެސް ސެންޓަރުތަކުގައި އަމަލު ކުރަންވީއުސޫލުއާންމުކޮށްފަ އެވެ. މި އުސޫލުގައި ބުނެފައިވަނީ ޖިމްތަކާއި ފިޓްނެސް ސެންޓަރުތަކުގެ ހިދުމަތް އެއްވަގުތެއްގައި ހޯދާ މީހުންގެ އަދަދު މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ ކަމަށެވެ.
އެގޮތުން އެއްވަގުތެއްގައި ހިދުމަތް ހޯދަން ދާނެ މީހުންގެ އަދަދު ކަނޑައަޅައި ޝެޑިއުލެއް ހެދުމަށާއި، ކުރިއަށް އެޕޮއިންޓްމަންޓް ހޯދައިގެން ޖިމަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ގައިޑްލައިންގައި ބުނެފައިވެ އެވެ.
އަދި އެޕޮއިންޓްމެންޓު ދޫކުރާއިރު ކޮވިޑްގެ އެއްވެސް އަލާމަތެެއް ހުރިތޯ ބަލަންވާނެ ކަމަށާއި އެއްވެސް އަލާމަތެއް ހުރިނަމަ ޖިމަށް ނުދިޔުމަށް ކްލަޔަންޓަށް އަންގަންވާނެ ކަމަށް ބުނެފައިވެ އެވެ.
ޖިމުގައި މީހުން އުޅޭއިރު ތިން ފޫޓުގެ ގައިދުރުކަން ކަށަވަރު ކުރަންވާނެ ކަމަށާއި އެޕޮއިންޓުމެންޓު ދޫކުރުމުން، ކްލަޔަންޓުން ގަޑިޖެހުމުގެ ފަސް މިނެޓު ކުރިން ދާންވަނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ޝެޑިއުލް އެކުލަވާލާ އެޕޮއިންޓްމެންތު ދޫކުރަންވާނީ ސެޝަންތައް ފަށާގަޑިއައި ނިމޭގަޑިތަކުގައި މީހުން ބައްދަލު ނުވާނެހެން ކަމަށާއިއެއްތަނަކަށް މީހުން ގިނަ ނުވާނެހެން ގަޑިތައް ހަމަޖައްސަންވާނެ ކަމަށް ބުނެފައިވެ އެވެ.
ޖިމަށް ވަންނައިރު އާއި ނިކުންނަ އިރު ދެ މީހުންގެ މެދުގައި މަދުވެގެން ތިންފޫޓު ދުރުމިން ހުންނަ ކިޔުއެއް ގައި ތިބެގެން ވަދެ ނިކުތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ގައިޑްލައިން ބުނެ އެވެ.
އެ ގައިޑްލައިންގައި ބުނެފައިވާގޮތުން ޖިމް، އިކުއިޕްމެންޓިތައް ބަހައްޓާފައި ހުންނަންވާނީވެސް ތިން ފޫޓު ދުރުމިން ބަހައްޓައިގެންނެވެ. ތަނުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ހާއްސަ މުވައްޒަފަކު ހުންނަންވާނެ ކަމަށާއި ބަލިން ރައްކާތެރިވުމާ ގުޅޭ މައުލޫމާތު ފެންނާނެހެން ބަހައްޓަން ވާނެ ކަމަށްވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.
މީގެެ އިތުރުން ފައިސާގެ މުއާމަލާތްތަކަށް ކޭޝްލެސް ޕޭމެންޓު ހެދުމަށް އުސޫލުގައި ބުނެފައިވެ އެވެ.
އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވަނީ ޖިމްތަކުގައި ސައިބޯނި ލައިގެން އަތްދިވެވޭނެ އިންތިޒާމު ނުވަތަ ސެނިޓައިޒް ކުރެވޭނެ އިންތިޒާމު ހުންނަވާނެ ކަމަށެވެ. މަދުވެގެން ތިްނ ފޫޓު ގައިދުރުކަން ނުބެހެއްޓޭނަމަ ގްރޫޕު ކްލާސްތައް ނުބޭއްވުމަށްވެސް ގައިޑްލައިންގައި ވަނީ އަންގައިފަ އެވެ.
ކޮންމެ ދުވަހެއްގެ ސެޝަންތައް ނިމުމުން ޖިމް އަދި އިކުއިޕްމެންޓުތައް ޑިސްއިންފެކްޓު ކުރަންވާނެ ކަމަށް ބުނެފައިވާއިރު އިކުއިޕްމެންޓު ބޭނުން ކުރުމުގެ ކުރިން ސާފު ކުރުމަށައި އެކަމަށް ބޭނުންވާތަކެތި ޖިމުގެ ފަރާތުން ފޯރުކޮށްދެންވާނެ ކަމަށް ބުނެފައިވެ އެވެ.
ޖިމްތަކުގައި ސައުނާ އަދި ސްޓީމް ރޫމުގެ ހިދުމަތް މިވަގުތު ނުދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ކާބޯތަކެތި ވިއްކާތަންތަން ޖިމުގައި ނުބެހެއްޓުމަށް އަންގާފައިވާއިރު ފެނުގެ ހިދުމަތްދޭނަމަ ފުޅި ރިފިލް ކުރެވެނެހެން ނުވަތަ ޑިސްޕޮސެބްލް ތަށީގައި ފެން ބޮވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ އަންގައިފަ އެވެ.
ކޮވިޑް19 އާއި ގުޅިގެން ޖިމްތައް ބަންދުކުރީ މާޗު 29 ވަނަ ދުވަހު އެވެ. ލޮކްޑައުން އަށް ދިން ލުޔާއެކު ޖުލައި މަހުން ފެށިގެން ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.