ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި ދެގައުމުގެ ސިފައިންގެ މެދުގައި މިދިޔަ ހޯމަ ދުވަހު ހިނގި ކުރިމަތިލުމެއްގައި އިންޑިއާގެ 20 ސިފައިން މަރުވުމާ ގުޅިގެން އެމެރިކާއިން ތައުޒިޔާ ފޮނުވައިފި އެވެ.

ދެގައުމުގެ ދެމެދުގައި ހިނގި ކުރިމަތިލުމުގައި ވަނީ އިންޑިއާގެ 20 ސިފައިން މަރުވެ، 76 ސިފައިންނަށް އަނިޔާވެފައިވެ އެވެ. އަދި ޗައިނާގެ ސިފައިންތަކެއްވެސް މަރުވި ކަމަށް ހަބަރު ފެތުރިފައިވީ ނަމަވެސް އެގައުމުން ރަސްމީ ގޮތެއްގައި އެފަދައިން ނުބުނެ އެވެ.

އެ ކުރިމަތިލުމަށްފަހު ޗައިނާ އާއި އިންޑިއާގެ އަސްކަރީ އޮފިޝަލުން ވަނީ އެކި ފަހަރުތަކުގެ މަތީން ބައްދަލުކޮށްފަ އެވެ. ނަމަވެސް އަދިވެސް ވަކި އެއްބަސްވުމަކަށް އާދެވޭގޮތް ވަނީ ނުވެފަ އެވެ.

"ކުރީގެ ހާލަތު އޮތް ގޮތަށް އަދިވެސް އޮތީ. މާބޮޑު ބަދަލެއް ނާދެ. އެކަމު ހާލަތު އިތުރަށް ގޯސްވާން އުޅޭ ކަމުގެ ނިޝާނެއްވެސް ނެތް،" އިންޑިއާގެ އޮފިޝަލެއް ވިދާޅުވި އެވެ.

އިންޑިއާ އަދި ޗައިނާއާ ދެމެދު 2017 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި ބޮޑު ކުރިމަތިލުމަކަށް ނުދިޔައީ ހަމަ ކިރިއާ އެެވެ. ނޭޕާލް ސަރަހައްދާ ގުޅޭ ބޯޑަރު ސަަރަހައްދުގައި އެ މައްސަލަ ކުރިމަތިވުމުން ދެ ގައުމުން ފަހުން ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ވަނީ ބޯޑަރު ސަރަހައްދުގައި މައްސަލަ ހޫނުވެފަ އެވެ.

މީގެ ކުރިން ބޯޑަރުގެ މައްސަލައިގައި 1962 ޗައިނާ އަދި އިންޑިއާއާ ދެމެދު ހަނގުރާމައެއްވެސް ކުރި އެވެެ. އަދި މިއީ އޭގެ ފަހުން އިންޑިއާގެ ސިފައިންތަކެއް އެފަދަ ކުރިމަތިލުމެއްގައި މަރުވި ފުރަތަމަ ފަހަރެވެ.