19 Jun 2020, 12:56
ރާއްޖޭގެ އެންމެ ކާމިޔާބު އެއް އެތުލީޓު، ޑރ. ހުސެެން ހަލީމް (ކުޑަ ހުސެން)، ގެ ވިއްކާލުމަށްފަހު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި އޭނާ އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ބޭނުންވަނީ ރާއްޖެ ދޫކޮށް ބޭރު ގައުމަކަށް ދިރިއުޅުން ބަދަލުކުރައްވަން ކަމަށާއި އެހެންވެ، އޭނާގެ ނަމުގައި އޮތް ބިން ވިއްކާލަން ބޭނުންފުޅުވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލު ކައިރީ އޮންނަ 895 އަކަ ފޫޓުގެ ބިމަށް މިހާތަނަށް 1.6 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށާއި، އެގޮތުން ދެ ޝީޓް އަޅައި ބޭސްމެންޓުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގެއަކީ 10 ފަންގިފިލާގެ ގެއެއް ކަމަށާއި ކޮންމެ ފްލޯއަކު އެއް ކޮޓަރީގެ ދެ އެޕާޓްމެންޓު ހުންނާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފަައިވަނީ ގެ ވިއްކަލަން ބޭނުންވަނީ 15 މިލިއަން ރުފިޔާ އަށް ކަމަށެވެ.
"ރާއްޖެ ދޫކޮށް، އެހެން ގައުމަކަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވޭ. މިހާރު އުއްމީދަކީ މި ބިން ވިއްކާލުން. 15 މިލިއަން ނަގުދު ފައިސާގެ ގޮތުގައި ދީފައި ގަންނަން ބޭނުންވާ ފަރަތެއް ހުރިނަމަ އަންގައިދިނުން އެދެން،" ގޭގެ ކުރިމަތީ ހުއްޓި ވަޑައިގެން ނަގާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓެއްގައި ކުޑަހުސެން ވިދާޅުވި އެވެ.
އޭނާ ވަނީ އެހެން ގައުމުތަކުގައި އުޅޭ އޭނާގެ އެކުވެރިންގެ ފަރާތުން، ބޭރުގައުމަކަށް ދިރިއުޅުން ބަދަލުކުރުމުގައި އެހީތެރިކަން ބޭނުންވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
އޭނާ އަދި ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވަނީ ރާއްޖޭގެ "ސިސްޓަމް" ކޮރަޕްޓު ކަމުން ކަމަށެވެ. ބޭނުންވަނީ ނިއުޒިލެންޓް، ތައިލެންޑު ނުވަތަ މެލޭޝިއާ އަށް ދިރިއުޅުން ބަދަލު ކުރައްވަން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ދާދިފަހުން ކުޑަހުސެންގެ ދަރިއަކަށް ހޮސްޕިޓަލުގައި ދިމާވި ހާދިސާ އެއްގައި ގުނަވަނެއް ނަގަންޖެހި، އޭނާ ވަނީ ސޯޝަލް މީޑިއާގައި އެ އުދާސްތައް ހިއްސާ ކުރައްވައިފަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު އޭނާގެ ދަރިފުޅުގެ ހާލު ގޯސްވެގެން އައިޖީއެމްއެޗްއަށް ގެންދިޔުމުން ފަރުވާ ދިނުމުގެ ކުރިން ހަދަން ޖެހޭ ސްކޭން ނެހެދި ލަސްވިކަމަށް ވިދާޅުވެ ކުޑަ ހުސެން ފޭސްބުކްގައި ވިދާޅުވީ އެކަމުގައި އައިޖީއެމްއެޗްއިން އިހުމާލުވެފައިވާ ކަމަށެވެ.