31 Dec 2011, 15:33
އިސްރާއިލްގެ ގައުމީ އެއާލައިން "އެލްއާލް" ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓަރަށް ނޭނގި ނުދިނުމަށް ސިވިލް އޭވިއޭޝަނަށް އަންގަވާފައިވާ ކަމަށް މިނިސްޓަރު އާދިލް ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
އާދިލް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިސްރާއިލްގެ ފުލައިޓް ރާއްޖެ ޖެއްސުމުގެ ހުއްދަ ނުދެއްވުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓިން ގަރާރެއް ފާސްކުރުމާ ގުޅިގެން ދެން އެ މައްސަލާގައި ވާނީ ކިހިނެއްކަން ނޭނގޭތީ އިސްރާއިލްގެ އެފުލައިޓް ޖެއްސުމުގެ ހުއްދަ މިނިސްޓަރަށް ނޭނގި ނުދިނުމަށް ސިވިލް އޭވިއޭޝަނަށް އަންގަވާފައިވާ ކަމަށެވެ.
އާދިލް ވިދާޅުވީ ވަކި ގައުމެއް ތަފާތުނުކޮށް ކޮންމެ ގައުމެއްގެ އެއާލައިނެއް ވެސް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ރާއްޖޭގެ ގާނޫނުން ދީފައިވާ ކަމަށާއި އިސްރާއިލްގެ ބޯޓް ޖެއްސުމުގެ ހުއްދައަށް އެ ފަރާތުން އެދިފައި ވާތީ އެ ހުއްދަ ދެއްވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ކުރިން ނިންމާފައިވީ ނަމަވެސް މަޖިލިހުގެ ތަޅުމަށް އެކަމާ ދެކޮޅަށް ގަރާރެއް ވެއްދުމާ ގުޅިގެން އެކަން އެހެން ގޮތަކަށް ބަދަލްކުރެއްވީ ކަމަށެވެ.
"ކުރީގައި އަޅުގަނޑު ދެންނެވީ އާއްމު ޕްރޮސީޖާ އޮތް ގޮތް. އެ އުސޫލުން އިޒްރާއިލްގެ މަތިންދާ ބޯޓް ޖެއްސުން އެއީ އަޅުގަނޑުގެ ވުޒާރާ އިން ކޮށްދެން ޖެހޭ ވާހަކަ ބުނެފައި ވާނީ. މިހާރު އައި ޑިވޮލޮޕްމެންޓުތަކާ ގުޅިގެން މިހާރު ވާނި އަޅުގަނޑަށް އެނގިގެން ނުނީ އެކަން ނުކުރެވޭ ގޮތަށް އަންގާފައި،" އާދިލް ވިދާޅުވި އެވެ.
މީގެކުރިން އާދިލް ވިދާޅުވީ ދުނިޔޭގެ ކޮންމެ އެއާލައިނެއް ވެސް ރާއްޖޭގައި ޖެއްސުމަށް ހުއްދަ ދިނުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަމަށާއި އެގޮތުން އިސްރާއިލްގެ އެއާލައިނަށް ދޭން ޖެހޭ ހުރިހާ ހުއްދައެއް ދޫކޯށްފައިވާ ކަމަށާއި ބޯޓް ޖެއްސުމުގެ ކުރިން އެއާލައިނުން ފޮނުވަން ޖެހޭ ޝެޑިއުލް "އެލްއާލް" އެއާލައިނުން ފޮނުވުމާ އެކު ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ.
ނަމަވެސް އަންނަ ޖެނުއަރީ 14 ވަނަ ދުވަހު އިސްރާއިލްގެ ފުލައިޓް ޖައްސާތީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރުމަށް މަޝްވަރާކޮށްފި ކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ ޓްރާންސްޕޯޓް މިނިސްޓަރަށް އެސްއެމެސް އަކުން އެ ވާހަކަ ދަންނަވައިފަ އެވެ.
އަދި ބުނެފައި ވަނީ އިސްރާއިލްގެ ފުލައިޓް ޖައްސާކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާއަށް ނެރުމަށް ގައުމީ އިއްތިހާދައި ޕީޕީއެމާއި ޑީއާރުޕީ މަޝްވަރާތައް ކޮށްފި ކަމަށެވެ.
ސަން އަށް ކޮޕީ ލިބިފައިވާ މުސްތަފާގެ އެސްއެމްއެސްގައި ވަނީ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަކި އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީއަކަށް ވީހިނދު މަޖިލިހުން ވަކިގޮތަކަށް ނުނިންމަނީސް އިސްރާއިލްގެ ފުލައިޓް ރާއްޖެއަށް ނުޖެއްސުމަށް ގޮވާލާ ގަރާގަރު އެކޮމިޓީން ފާސްކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށާއި އެންމެފަހުން ބޭއްވި އެމްޑީޕިގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލްވުމުގައި ވެސް ގަރާރުގައި ވާކަންކަމަށް އިހުތިރާމްކުރުމަށް ސަރުކާރުގައި ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ.
މަޖިލހުގެ ތަޅުމަށް މިހާރު ހުށައެޅިފައިވާ ގަރާރާއި ދެކޮޅަށް އިސްރާއިލްގެ ފުލައިޓް ޖެއްސުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވައިފި ނަމަ އެކަމުގެ ގެއްލުމާއި ހަލާކު އެމްޑީޕީ އަށް ލިބޭނެކަމަށް ވެސް މުސްތަފާވިދާޅު ވިއެވެ.
"ޕާޓީގެ ވަރަށް ގިނަ މެންބަރުން މިކަމުގައި[އިސްރާއިލްގެ ފުލައިޓް ޖެއްސުމުގެ] މައްސަލާގައި ވަރަށް ކަން ބޮޑުވާ ވާހަކަ ވެސް ދަންނަވަން. ވީމާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ނިންމާފައިވާ ގަރާރަށް އިހުތިރާމް ކުރުމަށް އިހުލާސްތެރިކަމާ އެކު ދަންނަވަން. އަދި ސަރުކާރުގެ ތެރޭގައި ތިއްބެވި މަދު ބައެއްގެ ސަބަބުން މިޕާޓީ އިތުރަށް ޑެމޭޖް ވެއްޖެ ނަމަ މިމައްސަލަ ވަރަށް ގޯސްވެގެން ދާނެ ވާހަކަ ވެސް ދަންނަވަން،" މުސްތަފާގެ އެސްއެމްއެސްގައިވެ އެވެ.
އާދިލް ވިދާޅުވީ މުސްތަފާ ފޮނުއްވެވި އެސްއެމްއެސް ލިބިލެއްވި ކަމާށާއި އެކަމާ ގުޅޭ ގޮތުން މުސްތަފާއަށް ދެއްވި ޖަވާބްގައި އިސްރާއިލްގެ ފުލައިޓް ޖައްސަން ހުއްދަ ދެއްވާފައި ނުވާ ކަމަށާއި މިހާރު ވަރަށް ހަލުވިކޮށް އިވެންޓްތައް ބަދަލްވެގެން އަންނާތި ހުއްދަ ދެންޏާމު ހުއްދަ ދޭނީ ސީދާ ވަޒީރަށް އެނގިގެން ކަމަށް ވިދާޅުވި ކަމަށެވެ.